ޔަންގޫން (14 ފެބްރުއަރީ) - މިޔަންމާގައި މީގެ ދެހަފްތާ ކުރިން އަސްކަރިއްޔާއިން ގެނައި ބަޣާވާތާ ދެކޮޅަށް އެ ގައުމުގެ ރައްޔިތުން ފެށި މުޒާހަރާތައް ވަރުގަދަކުރުމާ ގުޅިގެން އަސްކަރިއްޔާއިން އަޅަމުންދާ ފިޔަވަޅުތަކަށް ރައްކާތެރިވުމަށް މިޔަންމާގައި އުޅޭ އެމެރިކާގެ ރައްޔިތުންނަށް އެ ގައުމުގެ އެމްބަސީން އިލްތިމާސްކޮށްފި އެވެ.

ޔަންގޮންގައި ހުންނަ އެމެރިކާ އެމްބަސީގެ އޮފީހުން ނެރުނު އިލްތިމާސްގައިވަނީ އެ ގައުމުގެ ޓެލެކޮމިއުނިކޭޝަން ހިދުމަތްތަކަށް ރޭގަނޑު 1:00 ން ފެށިގެން ހެނދުނު 9:00 އަށް ބުރޫއަރާނެ ކަމަށާއި އަދި ރޭގަނޑު 8:00 ކުން ފެށިގެން ފަތިހު 4:00 އަށް ރައްކާތެރި ތަންތަނުގައި ތިބުމަށް އަންގާފައިވެ އެވެ.

ބަޣާވާތާ ދެކޮޅަށް އެގައުމުގެ ރައްޔިތުން މުޒާހަރާ ކުރާތާ މިހާރު ނުވަ ދުވަސް ވެފައިވާއިރު މުޒާހަރާތަކުގައި ބައިވެރިވާ މީހުން ދަނީ ގިނަވަމުންނެވެ. އެހެންކަމުން އަސްކަރިއްޔާ އިން ވަނީ މުޒާހަރާކުރާ މީހުން ހުއްޓުވުމުގެ ގޮތުން ޓޭންކަރުތަކާއި އެހެނިހެން އަސްކަރީ އުޅަނދުތައް މަގުތަކަށް ނެރެފަ އެވެ.

މީޑިއާތަކުން ވަނީ އެގައުމުގެ އުތުރު ކަޗިން ސްޓޭޓްގައި ކުރިއަށް ދިޔަ މުޒާހަރާތައް ހުއްޓުވުމަށް ފުލުހުން ހަތިޔާރު ބޭނުންކޮށްފައިވާ ކަމަށް ރިޕޯޓްކޮށްފަ އެވެ.

ޔޮންގޮންގައި ހުންނަ އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ އިދާރާގެ އޮފީހުން ބުނިގޮތުގައި ހުކުރު ދުވަހުގެ ނިޔަލަށް މުޒާހަރާކުރި މީހުންގެ ތެރެއިން 350 މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.

މިދިޔަ އަހަރު ބޭއްވި އާންމު އިންތިހާބުގައި މަކަރު ހެދިކަމަށް ތުހުމަތުކޮށް، ޑިފެކްޓޯ ލީޑަރު އަންގް ސަން ސޫކީއާއި ވެރިކަންކުރާ ނެޝަނަލް ލީގް ފޯ ޑިމޮކްރަސީ ޕާޓީގެ އިސްވެރިންތައް ސިފައިން ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އަސްކަރިއްޔާއިން ވަނީ ގައުމުގެ ބާރުތަކާ ހަވާލުވެފަ އެވެ. -ބީބީސީ