އިސްލާމިކް މިނިސްޓްރީއާ ގުޅޭ ކަންކަމުގައި ރަށްރަށުގައި ފޯރުކޮށްދޭ ހިދުމަތްތައް އަވަސްކުރަން ކައުންސިލުތަކާ ގުޅިގެން މަސައްކަތް ކުރަން ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއީލް ރަފީގު ގޮވާލައްވައިފި އެވެ.
މޭޔަރު އިސްމާއީލް ރަފީގު މިކަމަށް ގޮވާލެއްވީ ރައްޔިތުންގެ މަޖިލީހަށް އަލަށް ހޮވުނު މެމްބަރުންނާ ގުޅިގެން އެ މެމްބަރުންގެ ދާއިރާތަކުގައި އިސްލާމިކް މިނިސްޓްރީން ފޯރުކޮށްދޭ ހިދުމަތްތައް އަވަސްކުރަން އެ މިނިސްޓްރީން ހާއްސަ މަންދޫބަކު ހަމަޖެއްސިކަން މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިއުލާންކުރެއްވުމުންނެވެ.
މިނިސްޓަރު ޝަހީމް އިއްޔެ ވިދާޅުވީ މިއީ ރައްޔިތުންނަށް އަވަސް ހިދުމަތް ފޯރުކޮށްދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވާފައިވާ އިރުޝާދުގެ ދަށުން ނިންމި ނިންމެވުމެއް ކަމަށެވެ.
ޝަހީމް ވިދާޅުވީ މަޖިލިސް މެންބަރުންނަކީ ރައްޔިތުންގެ މަންދޫބުންކަމުން އެ ބޭފުޅުންނަށް މިނިސްޓްރީން އަހައްމިއްޔަތުކަން ދޭނެ ކަމަށެވެ. އަދި ޕާޓީތަށް ތަފާތުކުރުމެއް ނެތި އެންމެހައި މެންބަރުންނަށް ހިދުމަތް ދެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އިސްލާމިކް މިނިސްޓްރީގެ މި ނިންމުމާ ގުޅިގެން ފުވައްމުލަކުގެ މޭޔަރު އިސްމާއީލް ރަފީގު އެކްސްގައި ވިދާޅުވީ ރަށްރަށުގައި އަވަސް ހިދުމަތް ދިނުމަށް އެންމެ މުހިންމީ ކައުންސިލްތަކާ ގުޅިގެން މަސައްކަތް ކުރުމާއި އެ ގުޅުން ހަރުދަނާ ކުރުން ކަމަށެވެ.
އިސްލާމިކް މިނިސްޓްރީގެ ނިންމުމަށް ފުވައްމުލަކު މޭޔަރުގެ އިތުރުން ގިނަ ބަޔަކު ވަނީ ފާޑުކިޔާފަ އެވެ.