މެޗުގެ ދެވަނަ ހާފުގައި ޖެހި ލަނޑުތަކާއެކު، ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ފުރަތަމަ ލެގުގައި ރޭ އާރްބީ ލައިޕްޒިގް އަތުން ރަށުން ބޭރުގައި 2-0 އިން މޮޅުވެ، ލިވަޕޫލުން ހިތްހަމަޖެހުމެއް ހޯދައިފި އެވެ.

ލައިޕްޒިގްގެ ދަނޑުގައި ކުޅުނު މެޗުގެ ދެވަނަ ހާފުގައި ލިވަޕޫލަށް ލަނޑު ޖަހައިދިނީ މުހައްމަދު ސަލާހް އަދި ސާދިއޯ މާނޭ އެވެ. މި ދެ ލަނޑަކީ ވެސް ލައިޕްޒިގް އިން ހެދި ދެ މިސްޓޭކްގެ ފައިދާ ނަގައި، ލިވަޕޫލުން ކާމިޔާބުކުރި ދެ ލަނޑެވެ.

މި މެޗުން ލިވަޕޫލް މޮޅުވުމަކީ އެ ޓީމުގެ ކޯޗު ޔާގަން ކްލޮޕަށް ލިބުނު ބޮޑު ހިތްހަމަޖެހުމެކެވެ. އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް ބަލިވެފައި އޮތުމުން، މި މެޗަށް ނިކުތްއިރު ކްލޮޕަށް އޮތީ ޕްރެޝަރު ބޮޑުވެފަ އެވެ.

"މި ފަހަކަށް އައިސް ހާލަތު އޮތްގޮތުން، އަހަންނަށް ހީވަނީ ވަރަށް ގިނަ ބަޔަކު ހީކުރާނީ މި މެޗުން ވެސް ލިވަޕޫލް މޮޅުނުވާނެ ކަމަށް،" މެޗަށް ފަހު ކްލޮޕް ބުންޏެވެ. " މިއީ އަހަރަމެން ބޭނުންވި ނަތީޖާއަކީ. ލައިޕްޒިގް އަކީ ބަލިކުރަން ފަސޭހަ ޓީމެއް ނޫން."

މެޗަށް ފަހު ލައިޕްޒިގްގެ ކޯޗު ޖޫލިއަން ނަގެލްސްމަން ބުނީ މެޗުން ބަލިވީ އެ ޓީމަށް ހެދުނު މިސްޓޭކްތަކުގެ ސަބަބުން ކަމަށެވެ. އަދި ފުރަތަމަ ލެގުން ބަލިވިޔަސް، އުންމީދު ދޫނުކޮށްލާ ކަމަށެވެ.

"މި މެޗުގައި އަހަރަމެންނަށް ހެދުނު ބޮޑު ދެ މިސްޓޭކްގެ ފައިދާ ލިވަޕޫލުން ނެގީ. މި ލެވެލްގައި ކުޅޭއިރު، އެކަހަލަ މިސްޓޭކްތައް ހަދައިގެން ސަލާމަތްވެވޭނީ މަދު ފަހަރަކު،" ނަގެލްސްމަން ބުންޏެވެ. – ބީީބީސީ