ގުޅީފަޅު ހިއްކުމުގެ މަޝްރޫއު ހިންގި ގްލޯބަލް ޕްރޮޖެކްޓްސް ޑިވެލޮޕްމަންޓް (ޖީޕީޑީ) އިން ލަހުން އެ މަސައްކަތް ނިންމާފައިވާތީ ބަދަލުގެ ގޮތުގައި 2.4 މިލިއަން ޑޮލަރު އެމްޑަބްލިއުއެސްސީއަށް ދައްކަން ޖީޕީޑީގެ މައްޗަށް ކުރި ހުކުމް ހައި ކޯޓުން ދަމަހައްޓައިފި އެވެ.

އެމްޑީޕީގެ ވެރިކަމުގައި ގުޅީފަޅުން 6 ހެކްޓަރުގެ ބިން ހިއްކައި، ތޮށިލުމަށް އެމްޑަބްލިއުއެސްސީން ޖީޕީޑީއާ 2011 ވަނަ އަހަރު ހަވާލު ކުރުމުން މަސައްކަތް ނިންމަންޖެހޭ ތާރީޚަށް ވުރެ ލަހުން ނިންމި މައްސަލާގައި އެމްޑަބްލިއުއެސްސީން ދައުވާ ކުރުމުން ސިވިލް ކޯޓުން 2017 ގައި ހުކުމްކުރީ 2.4 މިލިއަން ޑޮލަރު ލިކިއުޓޭޑް ޑެމޭޖަސްގެ ގޮތުގައި ޖީޕީޑީން ދައްކަން ޖެހޭނެ ކަމަށެވެ.

އެ މައްސަލަ ޖީޕީޑީން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ހުކުމްކުރީ ދަށު ކޯޓުގެ ހުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި މަސައްކަތް ނިންމަންޖެހޭ މުއްދަތު އިތުރުކުރަން އެމްޑަބްލިއުއެސްސީން އެއްބަސްވިކަން ސާބިތުނުވާ ކަމަށާއި އެއްބަސްވުމުގައި އޮތް މުއްދަތަށް މަސައްކަތް ނުނިމުމުން އޭގެ ބަދަލު ދައްކަން ޖެހޭނެ ކަމަށެވެ.

އެމްޑަބްލިއުއެސްސީން ސިވިލް ކޯޓުގައި ދައުވާކުރީ 3.1 މިލިއަން ޑޮލަރު ހޯދާށެވެ. އެކަމަކު ކޯޓުން ހުކުމްކުރީ އެމްޑަބްލިއުއެސްސީން ޖީޕީޑީއަށް ދައްކަން ޖެހޭ 629،000 ޑޮލަރު އޮތުމުން އެ ބައި އުނި ކުރުމަށް ފަހު ބާކީވާ 2.4 މިލިއަން ޑޮލަރު ދެއްކުމަށެވެ.