ތެހެރާން (17 ފެބްރުއަރީ) - 2015 ވަނަ އަހަރު ގާއިމްކުރި އީރާންގެ ނިއުކްލިއާ އެއްބަސްވުމުގެ ކަންތަކުގައި އީރާނުން މިހާރު ހަމައެކަނި ގަބޫލުކުރަނީ ނަތީޖާ ދެއްކުމަށް ކަމަށާއި ބޭކާރު ވާހަކަތަކާއި، މަޝްވަރާތަކެއް ބޭނުމެއް ނޫން ކަމަށް އެ ގައުމުން ބުނެފި އެވެ.

ޓީވީން އިއްޔެ ދުރައް ދެއްކި ތަގުރީރެއްގައި އީރާންގެ ސުޕްރީމް ލީޑަރު އާޔަތުﷲ އަލީ ހާމަނާއި ވިދާޅުވީ 2015 ވަނަ އަހަރު ދުނިޔޭގެ ބާރުތަކާއި އަދި އީރާނާއެކު ގާއިމްކުރެވުނު ޖޮއިންޓް ކޮމްޕްރެހެންސިވް ޕްލޭން އޮފް އެކްޝަން (ޖޭސީޕީއޯއޭ) އާއި ބެހޭގޮތުން ވަރަށް ގިނަ އަހުދުތަކާއި، ވައުދުތަކެއް އިރާނުން އަޑުއަހަފި ކަމަށާއި، މިހާރު ބޭނުން ވަނީ ނަތީޖާ ކަމަށެވެ.

"މިފަހަރު އީރާނުން ހަމައެކަނި ގަބޫލުކުރާނީ ނަތީޖާ ދެއްކުމުން. ވަރަށް ގިނަ ވައުދުތަކެއް، މަޝްވަރާތަކެއް ކުރެވިއްޖެ. އެ މީހުންގެ (ގައުމުތަކުން) ފަރާތުން ނަތީޖާ ފެނުމުން އީރާނުން ވެސް އެގޮތަށް އަމަލުކުރާނެ،" ހާމަނާއި ވިދާޅުވި އެވެ.

އޮބާމާ ދައުރުގައި ގާއިމްކުރި އެއްބަސްވުމުން ޓްރަމްޕްގެ ވެރިކަމުގައި 2018 ވަނަ އަހަރު އަމަލުކުރުމަށް ދެކޮޅު ހަދާފަ އެވެ.

އީރާނަކީ ސަރަހައްދުގެ ހަމަޖެހުން ނަގާލާ ގައުމުކަމަށް ތުހުމަތުކޮށް، އަދި ޓެރަރިސްޓު ގުރޫޕްތަކާއި އީރާނުން ގުޅުން އޮންނަ ކަމަށް ތުހުމަތުކޮށް ވަނީ އެއްބަސްވުމުން ވަކިވެފަ އެވެ. އަދި އީރާނާ ދެކޮޅަށް ވަރުގަދަ ދަތިކުރުމުގެ ފިޔަވަޅުތަކެއް ވެސް އަޅާފައިވެ އެވެ.

އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑެން ވަނީ އޭނާގެ ސަރުކާރުން އީރާނާއެކު އެއްބަސްވުން އަލުން އިއާދަކުރުމަށް ބޭނުންވާ ކަމަށާއި، ނަމަވެސް އީރާނުން އެއްބަސްވުމުގައި ހިމެނޭ ކަންތައްތަކުގެ އިތުރަށް އެހެނިހެން އައު ކަންތައްތަކަށް އެއްބަސްވުމަށް ގަބޫލުވާން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.

ބައިޑެން ސަރުކާރުގެ މި ޝަރުތުތަކާ ގުޅިގެން ފެބްރުއަރީ މަހު ހާމަނާއީ ވިދާޅުވީ ކުރީގެ އެއްބަސްވުމުގައި އަމަލުކުރުމަށް އެއްބަސްވެވުނު ކަންކަމަށް އަލުން ރުޖޫއުވުމުގައި އެއްވެސް މައްސަލައެއް ނެތް ކަމަށާއި އެ އެއްބަސްވުމަށް އިތުރު އެއްވެސް ބަދަލެއް ނުގެނެވޭނެ ކަމަށެވެ. އަދި ކުރިން އޮތްގޮތަށް އެއްބަސްވުމަށް ދިއުމަށް އީރާނުން ވަނީ ގޮވާލާފަ އެވެ.

އީރާނުން ވަނީ އެއްބަސްވުމަށް އަމަލުކުރުމަށް ގައުމުތަކުން ލަސްވާ ކޮންމެ ދުވަހަކީ އަލުން ޔުރޭނިއަމް މުއްސަނދި ކުރުމަށް ފެއްޓުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް އީރާނުން މަސައްކަތްކުރާނެ ދުވަހެއް ކަމަށް ހާމަކޮށްފަ އެވެ. އަދި އީރާންގެ ޕާލިމެންޓުން ވަނީ އިންޓަނޭޝަނަލް އިންސްޕެކްޝަން ޓީމްތަކަށް އީރާންގެ ސައިޓްތަކަށް ވަނުމުގެ ހުއްދަ ދިނުން ހުއްޓާލާނެކަން ވެސް އަންގާފަ އެވެ.

އީރާންގެ ރައީސް ހަސަން ރޫހާނީ ވެސް ވަނީ އިންސްޕެކްޝަން ޓީމްތަކަށް ސައިޓްތަކަށް ވަނުމުގެ ހުއްދަ ހިފެހެއްޓޭނެ ކަން ހާމަކޮށްފަ އެވެ. ނަމަވެސް ކުރިންވެސް ހާމަކޮށްފައިވާ ގޮތަށް އިރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުމަށް މަސައްކަތް ނުކުރާނެ ކަމަށާއި، އަދި ވެސް އެ ނިންމުން އޮތީ އެހެން ކަމަށް ވިދާޅުވި އެވެ. ނަމަވެސް އިރާނުން ނިއުކްލިއާ ޓެކްނޮލޮޖީ ހޯދުމަށް ކުރަމުންދާ މަސައްކަތް ހުއްޓާނުލާނެ ކަމަށާއި އެއީ އިރާންގެ ވެސް ހައްގެއްކަމަށް ވިދާޅުވި އެވެ.