ދައުލަތުގެ ޓެކްސް އިދާރާ، މީރާގެ ވެރިޔަކަށް ހަމަޖައްސަން ރައީސް މުހައްމަދު މުއިއްޒު ނަން ފޮނުއްވި ދެ ބޭފުޅުންގެ ތެރެއިން އެމަނިކުފާނު އެންމެ އިސްކަން ދެއްވި އެ އިދާރާގެ ކުރީގެ ކޮމިޝަނަރު ޔަޒީދު މުހައްމަދު އައްޔަންކުރަން ގާނޫނީ ފުށުއެރުންތަކެއް ހުރި ކަމަށް ބުނެ އޭނާއަށް ރުހުން ނުދޭން ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީން މިއަދު ނިންމައިފި އެވެ.
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) މާޗް 18، 2010 ގައި އުފެދުނީއްސުރެ 2019 ވަނަ އަހަރާ ހަމަޔަށް ކޮމިޝަނަ ޖެނެރަލް ކަމާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް ކުރި ދެ ބޭފުޅުން އެ މަގާމުތަކަށް އަލުން ކަނޑައެޅުމަށް ރައީސް ޑރ. މުއިއްޒު މަޖިލީހަށް ދެ ނަން ފޮނުއްވިއިރު އިސްކަން ދެއްވާފައިވަނީ ޔަޒީދު އަށެވެ.
އެކަމަކު ކޮމިޓީން މިއަދު ނިންމީ ޒަރީރު އަށް ރުހުން ދިނުމަށެވެ. އެގޮތުން ކޮމިޓީގައި ހިމެނޭ 10 މެންބަރަކު ވަނީ ޒަރީރަށް ރުހުން ދިނުމަށް ތާއީދުކުރައްވާ ވޯޓު ދެއްވާފަ އެވެ. ޔަޒީދަށް ރުހުން ދިނުމަށް ތާއީދު ކުރެއްވީ ހަތަރު މެންބަރުންނެވެ.
ކޮމިޓީގެ ބައްދަލުވުމުގައި މިއަދު އޮތީ އެ ދެ ބޭފުޅުންނާ އިންޓަވިއުކުރުމަށް ފަހު، ރުހުން ދޭން ފެންނަ ބޭފުޅަކަށް ވޯޓަށް އެހުމުވެ. އިންޓަވިއުކުރީ އޮންލައިންކޮށެވެ.
ދެ ބޭފުޅުންނާ އިންޓަވިއުކުރުމުގެ ކުރިން އެ ކޮމިޓީގެ އިދާރީ މޭޒުން، ކޮމިޓީގެ މެންބަރުންގެ ސަމާލުކަމަށް ގެނައީ ޔަޒީދު އައްޔަން ކުރުމުގައި ދިމާވެދާނެ ގާނޫނީ ފުށުއެރުމުގެ މައްސަލަ އެވެ. އެގޮތުން އިދާރީ މޭޒުން ވާހަކަ ދެއްކެވި މަޖިލީހުގެ މުވައްޒަފަކު ވިދާޅުވީ މިހާރު އަމަލު ކުރަމުން އަންނަ ޓެކްސްއާ ގުޅޭ ގާނޫނު ބުނާ ގޮތުން މީރާގެ ކޮމިޝަނަރުގެ މަގާމަށް އައްޔަންކުރާ މީހަކަށް އެ މަގާމު ފުރިހަމަކުރެވޭނީ ފަސް އަހަރުގެ ދެ ދައުރު ކަމަށެވެ. އެހެންކަމުން އެކަކަށް 10 އަހަރަށް ވުރެ ދިގު މުއްދަތަކަށް ނުހުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޔަޒީދު މީގެ ކުރިން ވަނީ 2010 އިން 2018 އަށް ނުވަ އަހަރާއި ދެ މަހާއި 18 ދުވަސް ވަންދެން އެ މަގާމު ފުރުއްވައިފަ އެވެ. އަދި ޔަޒީދު އެންމެ ފުރަތަމަ އެ މަގާމަށް 2010 ގައި އައްޔަންކުރިއިރު، ކޮމިޝަނަރަކަށް ހުރެވޭނެ އެންމެ ދިގު މުއްދަތު ހިމަނާފައި ނުވި ނަމަވެސް 2019ގައި ގެނައި އިސްލާހު އޭނާގެ މައްޗަށް ވެސް ހިނގާނެ ކަމަށް ބެލެވިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮމިޓީގެ ނިންމުން ފާސްވާނީ މަޖިލީހުގެ ތަޅުމުން އެގޮތަށް ނިންމުމުންނެވެ.
ޔަޒީދު އަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މީރާގެ ކޮމިޝަނާ ޖެނަރަލް އެވެ. އޭރު ޒަރީރު އަކީ ޑެޕިއުޓީ ކޮމިޝަނާ ޖެނަރަލް އެވެ.
ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތުގެ އަމަލު ފަޅާއެރުމުން ނޫސްވެރިން އެ ދުވަސްވަރު ސުވާލުކުރުމުން ވެސް ޔަޒީދު މުހައްމަދު އާއި ހަސަން ޒަރީރު ވަނީ މައުލޫމާތު ދޭން ދެކޮޅު ހަދައިފަ އެވެ.
ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމު ހުސްވީ އެންމެ ފަހުން އެ މަގާމުގައި ހުންނެވި ފަތުހުﷲ ޖަމީލް ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އޭނާގެ އުފަން ރަށް ތ. ތިމަރަފުށި ހިމެނޭ ތިމަރަފުށި ދާއިރާއަށް ވާދަކުރެއްވުމަށް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.