ރޮބޯ މޭން އޭ ބުނީމަ އެއީ ކާކުކަން ނޭނގޭނެ ދިވެއްސެއް މަދުވާނެ އެވެ. ރޮބޯ މޭންގެ މާސްކާއި ކޮސްޓިއުމް އަދި ނެށުމުގެ ހަރަކާތްތަކަކީ ދިވެހިން ދެކެ ފަރިތަ ހުނަރުތަކެކެވެ. ޚާއްސަކޮށް ތުއްތު ކުޑަކުދިންގެ މެދުގައި ރޮބޯމޭން ވަނީ ކުޑަ ދުވަސްކޮޅެއް ތެރޭގައި ބޮޑު މަގްބޫލުކަމެއް ހޯދާފަ އެވެ.
ކުޑަކުދިންގެ ހަވީރުތަކާއި އުފަންދުވަހުގެ ޕާޓީތައް އަދި ޚިތާނީ ޕާޓީތަކުގައި މިހާރު އެންމެ ޑިމާންޑް ބޮޑު ފަރާތަކީ ރޮބޯމޭންކަމާ މެދު ޝައްކެއްނެތެވެ. ވެރިރަށް މާލެއިން ފެށިގެން ރާއްޖެތެރޭ ރަށްތަކާއި އަދި ރާއްޖެއިން ބޭރުގައި ވެސް ރޮބޯމޭން ވަނީ އޭނާގެ ހުނަރުތައް ދައްކާލައި ދިވެހިރާއްޖެ ތަމްސީލުކޮށްފަ އެވެ.
ރޮބޯމޭން އަކީ ކާކުކަން ނުވަތަ ރޮބޯމޭންގެ އައިޑެންޓިޓީ އާންމުންނަށް ފޮރުވިފައިވާ ސިއްރެއް ގޮތުގައި އޮތަސް ރޮބޯމޭންއަކީ ގިނަ ދިވެހިން އަދި ޚާއްސަކޮށް ކުޑަކުދިންގެ ލޯބި ލިބިފައިވާ ހުނަރުވެރި ފަރާތެކެވެ.
މިފަހަރު މިއޮތީ ވަރަށް ތަފާތު ޚަބަރެކެވެ. ސްޓޭޖްތަކާއި ޕާޓީތަކުގެ އިތުރުން އޮލިމްޕަސް ސްކްރީނުންނާއި މީޑިއާނެޓުގެ އެމްއެސް ވީޑިއޯކްލަބް ޚިދުމަތް މެދުވެރިކޮށް ފިލްމަކުން ރޮބޯ މޭން ބަލާލުމުގެ ފުރުސަތެވެ. މީޑިއާނެޓުގެ ވީޑިއޯކްލަބް އަދި އޯކޭޒް އިންކްގެ ފަރާތުން މި ވަނީ މިއަހަރުގެ ބައިނަލްއަގްވާމީ ކުޑަކުދިންގެ ދުވަހު ވަރަށް ޚާއްސަ ހަދިޔާއެއް ދީފަ އެވެ.
މި ދެފަރާތުން ގުޅިގެން އުފައްދާ "ރޮބޯ މޭން – ދަ މޫވީ" އިއުލާން ކޮށްފަ އެވެ. މިކަމަށް ޚާއްސަ ސޮއިކުރުމުގެ ރަސްމިއްޔާތެއް ވެސް އިއްޔެ ވަނީ ބާއްވާފަ އެވެ. އަދި މީޑިއާނެޓާއި ވީޑިއޯކްލަބް އަދި ރޮބޯ މޭންގެ ސޯޝަލްމީޑިއާތަކުގައި ވަނީ މި ފިލްމަށް ޚާއްސަ ޓީޒާތަކެއް ވެސް ޕޯސްޓްކޮށްފަ އެވެ.
"ރޮބޯ މޭން – ދަ މޫވީ" އަކީ ޚިޔާލީ ވާހަކައަކަށް ނުވަތަ ފިކްޝަނަލް އެޑްވެންޗާއެއްގެ މައްޗަށް ތައްޔާރުކުރާ ހުރިހާ އުމުރުފުރާގެ ކުދިން ޝައުގުވެރިވާނެ ގޮތައް ތައްޔާރުކުރާ ފިލްމެއްކަމަށް އޯކޭޒް އިންކް އިން ބުނެ އެވެ. ރޮބޯ މޭންގެ އިތުރުން ގިނަ ކުޑަކުދިން އަދި ފިލްމީ ދާއިރާއަށް ގިނަ މޫނުތަކެއް މި ފިލްމުން ފެނިގެންދާނެ އެވެ.
ފިލްމުގެ ސްކްރީންޕްލޭ ތައްޔާރުކުރަނީ ދިވެހި ފިލްމު އިންޑަސްޓްރީގެ އެންމެ ހުނަރުވެރި އެއް ފަރާތްކަމަށްވާ މަހުދީ އަހުމަދު އެވެ. އަދި މި ފިލްމު ޑައިރެކްޓްކުރަނީ އިބްރާހިމް މުންތަސިރް (މުންކޮ) އަދި އިބްރާހިމް ވިސާން (ކަނޑި)ގެ ޑައިނަމިކް ޑުއޯ އިންނެވެ.
"ރޮބޯ މޭން – ދަ މޫވީ" ރިލީޒްކުރާނެ ތާރީޚެއް ވަރަށް އަވަހަށް ބެލުންތެރިންނާއި ހަމައަށް އަންގާނެ ކަމަށާއި ފިލްމު ފުރަތަމަ އެޅުވުމަށް ހަމަޖެހިފައި ވަނީ ސިނަމާގައި ކަމަށް މީޑިއާނެޓުގެ ވީޑިއޯކްލަބުން ބުނެ އެވެ. މިއީ ކުދިބޮޑު ގިނަބަޔަކަށް މި ފިލްމު ސިނަމާ ސްކްރީނުގައި ބަލާލުމަށާއި އާއިލީ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށް ލިބިގެންދާނެ ފުރުސަތެކެވެ. ސްކްރީނުގައި ފިލްމު ރިލީޒްކުރުމަށްފަހު ފަހުގެ ތާރީޚެއްގައި މީޑިއާނެޓުގެ ވީޑިއޯކްލަބް މެދުވެރިކޮށް ޓީވީ އަދި މޯބައިލް ޑިވައިސްތަކުން މި ފިލްމު ބަލާލެވޭނެ އިންތިޒާމް ވެސް ހަމަޖެހޭނެ ކަމަށް ވީޑިއޯކްލަބް އިން ބުނެ އެވެ.
މީޑިއާނެޓުން ބުނީ ދިވެހި އަމިއްލަ އުފެއްދުންތަކަށް އިސްކަމެއް ދީގެން މީޑިއާނެޓުގެ ވީޑިއޯކްލަބުން ކުރާ މަސައްކަތުގައި މިއީ ކުރިއަށް އެޅިގެންދާ ޚާއްސަ އިތުރު ފިޔަވަޅެއް ކަމަށެވެ. މީގެ ކުރިން ވެސް ވީޑިއޯކްލަބްއިން ވަނީ އެމް އޮރިޖިނަލްސް ބެނާގެ ދަށުން ދިވެހި އަމިއްލަ ފިލްމާއި ސީރީޒް އުފައްދާފަ އެވެ. އެގޮތުން ދިވެހި ފިލްމު "މަރިޔަމް" އާއި "ހިނދުކޮޅެއް" އަދި ސީރީޒް "ދަރަކަ" އާއި "ގަރީނާ ހިމެނެ އެވެ.