މުޅި ރާއްޖެއިން 116 މީހުން މިއަދު ކޮވިޑަށް ޕޮޒިޓިވްވިއިރު، މިއަދު 7،818 މީހަކަށް ވެކްސިންދީފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިހާތަނަށް ޖުމްލަ 18،340 މީހަކަށް ކޮވިޑް ޖެހިފައިވެ އެވެ. މީގެ ތެރެއިން 15،863 މީހުން ބަލިން ރަނގަޅުވެފައިވެ އެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 108 މީހަކާއި އަތޮޅުތަކުން ޕޮޒިޓިވްވި ތިން މީހަކާއި އޮޕަރޭޓް ކުރާ ރިސޯޓްތަކުން ޕޮޒިޓިވްވި ފަސް މީހަކާއި ސަފާރީތަކުން ޕޮޒިޓިވްވި މީހެކެވެ.

މި ބަލީގައި މިހާތަނަށް 56 މީހަކު ވަނީ މަރުވެފަ އެވެ.

އެޗްއީއޯސީން ބުނީ ކޮވިޑް ޖެހިގެން އައިސީޔޫގައި ތިން މީހަކަށް ފަރުވާދެމުން އަންނަ ކަމަށާއި ޖުމްލަ 168 މީހަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަ ކަމަށެވެ.