މިދިޔަ އަހަރު އޭ ލެވެލް ނިންމި ދަރިވަރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ ސްކޮލާޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ މިދިޔަ އަހަރު މަތީ ސާނަވީ އިމްތިހާނު ފުރިހަމަކުރި ދަރިވަރުންގެ ތެރެއިން ހައި އެޗީވާސް ސްކޮލަޝިޕަށް ޝަރުތުހަމަވާ ދަރިވަރުންނަށް ހައި އެޗީވާސް ސްކޮލަޝިޕް އުސޫލުގެ ދަށުން ފުރުސަތު ދެވޭނީ، އެ މިނިސްޓްރީގެ ވެބްސައިޓްގައި "ނޭޝަނަލް ނީޑްސް ލިސްޓް" ގައި ހިމެނޭ ދާއިރާތަކުން ފުރަތަމަ ޑިގްރީ ފުރިހަމަ ކުރުމަށް ކަމަށެވެ.

މި ސްކޮލަޝިޕް ލިބޭނީ 2023 ވަނަ އަހަރު މަތީ ސާނަވީ ހެދި ދަރިވަރުންގެ ތެރެއިން އިސްލާމާއި ދިވެހި މާއްދާ ހިމެނޭހެން މަދުވެގެން ފަސް މާއްދާއިން އޭ ސްޓާ ހޯދާފައިވާ އަދި އޯލެވެލް ނުވަތަ އެއަށް ވުރެ މަތިން އިނގިރޭސި މާއްދާ އިން ސީ ފާހަށް ވުރެ މަތީ ފާހެއް ހޯދާފައިވާ ދަރިވަރުންނަށެވެ.

އެ ސްކޮލަޝިޕަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ޖުލައި މަހުގެ 31 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

މިނިސްޓްރީން އެ ސްކޮލަޝިޕްގެ ދަށުން ކިޔަވަން ފުރުސަތު ދެވޭނީ ރާއްޖެ، ސާކްގެ އެހެނިހެން ގައުމުތައް، މެލޭޝިއާ، ތައިލޭންޑް، ފިލިޕީންސް، ޗައިނާގެ އިތުރުން އޯއީސީޑީގެ ގައުމުތަކުންނެވެ.

އެ ސްކޮލަޝިޕާ ބެހޭ އިތުރު މައުލޫމާތު ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެ އެވެ.