ރާއްޖޭގައި ތިބި އިންޑިއާގެ މިލިޓަރީ ސިފައިން އެއްކޮށް ފައިބައިފި އެވެ. އޭގެ ބަދަލުގައި މީހަކަށް މީހަކު ގެނެސްފި އެވެ. އެއީ ސިވިލިއަނުންނެވެ. ރަނުން ރަނަށް ކަންތައް ކުރުމަކީ އެއީ އެވެ. އުނި އިތުރުވުމެއް ނެތި ތުނޑުން ތުނޑަށެވެ. އެއާއެކު ރައީސް މުހައްމަދުގެ މުއިއްޒުގެ ރިޔާސީ އެންމެ ބޮޑު ވައުދު ކަމަށްވާ ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާ ސިފައިން ބޭލުމުގެ ވައުދު ފުއްދުނީ އެވެ. އެއީ ސަރުކާރުން އެކަން ދެކޭ ގޮތެވެ. ސަރުކާރު ޕްރޮމޯޓްކޮށް ވާހަކަފަތުރާ މީހުނަށް ވެސް އެއީ އެކަން އޮތްގޮތެވެ. އެހެން ނަމަވެސް އެކަމާ އެއްބަސްނުވާ މީހުން ގެންދަނީ ބޮޑެތި ސުވާލުތަކެއް އުފައްދަމުންނެވެ.

އިންޑިއާ ސިފައިންގެ ބަދަލުގައި ގެނައީ ހަގީގަތުގައި ވެސް ސިވިލައަނުން ހެއްޔެވެ؟ މިލިޓަރީ އުޅަނދުތައް ބަހައްޓާފައި މިލިޓަރީން ފައިބާނެ ހެއްޔެވެ؟ ކުރިން ތިބި ކަމަށް ބުނި ބޮޑު އަދަދު ކޮބައި ހެއްޔެވެ؟ ހައްތާ ވެސް ސުވާލުތަކެވެ. ސުވާލު ކުރާ މީހުން ސުވާލު ކުރަނީ ސަރުކާރުން މިކަމުގައި އޮޅުވާލުން ތަކެއް ގެންގުޅޭ ކަމުގެ ތުހުމަތު އަޅުވަމުންނެވެ.

އިންޑިއާ ސިފައިން ރާއްޖެއިން ފައިބައި ނިމުނުކަން ސަރުކާރުން އިއުލާން ކުރީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ނޫސް ކޮންފަރެންސެއްގަ އެވެ. އެ ނޫސް ކޮންފަރެންސްގައި ރާއްޖޭގެ ޚާރިޖީ ވަޒީރާއި ދިފާއީ ވަޒީރު ވަނީ އެކަމާ ބެހޭ މައުލޫމާތު ހިއްސާ ކުރައްވާފަ އެވެ. އެބޭފުޅުންގެ ވާހަކަފުޅުން ދޭހަވި ގޮތުގައި ރާއްޖޭގައި ގާއިމްވެ ތިބި އިންޑިއާގެ އަސްކަރިއްޔާ ބޭލުމުގެ މަސައްކަތް ނިމުނީ އެވެ. ކުރިޔަށް އޮތްތަނުގައި އިންޑިއާގެ އުޅަނދުތައް ދުއްވުމުގެ މަސައްކަތުގައި ހަރަކާތްތެރި ވާނީ އިންޑިއާގެ ސިވިލިއަނުންނެވެ. އިންޑިއާ އިން އަލަށް އެތެރެކުރި މީހުންނަކީ ސިވިލިއަނުންކަން ޔަގީންތޯ އަމާޒުވި ސުވާލަށް ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން ވިދާޅުވީ އެބޭފުޅުންނަށް އެކަން ޔަގީން ކަމަށާއި އެ މީހުންނަކީ ހެލިކޮޕްޓަރު އުފެއްދި ކުންފުނީގެ މީހުން ކަމަށެވެ.

ނޫސްވެރިންގެ ސުވާލުތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ ސުވާލެއްގެ ގޮތުގައި އިވުނު އެއް ސުވާލަކީ އިންޑިއާގެ ސިވިލިއަނުން އުޅަނދުތައް ދުއްވަން ރާއްޖޭގައި ގާއިމްވެ ތިބޭނީ ކިހާ ދުވަހަކަށްތޯ ކުރި ސުވާލެވެ. އެ ސުވާލުގެ ޖަވާބު ވަރަށް ފަރުވާތެރިކަމާ އެކު ވަކި ތަރުތީބަކުން ޚާރިޖާ ވަޒީރު މޫސާ ޒަމީރު ދެއްވި އެވެ. ވިދާޅުވީ އެއްބަސްވުން އޮތީ ދެއަހަރު ދުވަހަށް ކަމަށެވެ. އެއީ މިވަގުތަށް އޮތް ގޮތް ކަމަށް ވިދާޅުވެ ޖަވާބު ކުރުކޮށްލެއްވެވި އެވެ.

އެ ޖަވާބާ ވިދިގެން ސަރުކާރު ޕްރޮމޯޓު ކުރާ ބައެއް ނޫސްތަކުގެ ހެޑްލައިނަކަށްވީ މިލިޓަރީ އުޅަނދުތައް ދުއްވަން ގެނައި ސިވިލިއަނުން ދެއަހަރު ތެރޭގައި ފޮނުވައިލަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އެކަމަކު އެއީ ކަން އޮތްގޮތެއް ނޫނެވެ. އިންޑިއާއިން ރާއްޖެއަށް މިލިޓަރީ އުޅަނދުތައް ގެނައިއްސުރެ އެއުޅަނދުތަކާއެކު އަންނަ މީހުން އަންނަނީ ވަކި މުއްދަތަކަށެވެ. އެމީހުންގެ ވިސާ އޮންނަނީ އެމުއްދަތު ހަމަވަންދެނެވެ. އެމުއްދަތު ހަމަވުމުން އެގްރީމެންޓާއި ވިސާ ވެސް އިތުރުކުރަނީ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުނުއިރު ތިބި އިންޑިއާ ސިފައިންގެ މުއްދަތު އޮތީ ހަމަވެފަ އެވެ. އެމީހުން އިތުރަށް ތިބުމަށް އޭރުގެ ސަރުކާރުން މުއްދަތު އިތުރުކޮށެއް ނުދިނެވެ. އެހެންކަމުން ރައީސް ޔާމީންގެ ސަރުކާރު ނިމި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ފެށެންދެން އިންޑިއާ ސިފައިން ރާއްޖޭގައި ތިބީ ގަވާއިދާ ޚިލާފަށެވެ. އެއްބަސްވުމެއް ނެތި އެވެ. ވިސާއަކާ ވެސް ނުލަ އެވެ. މިހާރު ތިބި "ސިވިލިއަނުން" ވެސް ތިބޭނީ ވަކި މުއްދަތަކަށެވެ. އެ މުއްދަތު ހަމަވުމުން މުއްދަތު އިތުރު ކުރާނީ އެވެ. އެހެންކަމުން އިންޑިއާގެ މިލިޓަރީ އުޅަންދުތައް ރާއްޖޭގައި ދުއްވާށާއި އެ އުޅަނދުތައް ބެލެހެއްޓުމަށް ބޭނުންވާ އިންޑިއާ މީހުން ރާއްޖެއިން ފޮނުވާލުމުގެ ވިސްނުމެއް ސަރުކާރުގެ ނެތްކަން އެނގެ އެވެ. ކަންތައް ހަމަޖެހިފައި އޮތްގޮތުން އެއީ ސަރުކާރަށް ކުރެވޭ ވަރުގެ ކަމަކަށް ވެސް ނުވެ އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އެހެން ނޫސްވެރިއެއްގެ ސުވާލަށް ޖަވާބު ދެއްވަމުން ދިފާއީ ވަޒީރު ޣައްސާނު މައުމޫން ވިދާޅުވީ ދިފާއީ އުޅަނދުތައް ދުއްވަން ދިވެހިން ތަމްރީނު ކުރަން ފެށި ކަމުގައި ވިޔަސް "ކޮންމެވެސް ސަބަބަކާ ހުރެ" އެކަން ކާމިޔާބުވާ ގޮތް އަދި ނުވާ ކަމަށެވެ.

ސުވާލަކީ އިންޑިއާއިން ދިވެހި ރާއްޖެއަށް "ހަދިޔާ" ކުރި ކަމުގައި ބުނި ހެލިކޮޕްޓަރާއި މަތިންދާ ބޯޓު ރާއްޖެއަށް އެންމެ ފުރަތަމަ ގެނައީ ވެސް އެ އުޅަނދުތައް ދުއްވަން ވަކި މުއްދަތެއްގެ ތެރޭގައި ދިވެހި ސިފައިން ތަމްރީނު ކޮށްފައިދާ ގޮތަށް ކަމުގައިވާއިރު 15 ވަރަކަށް އަހަރުވާން ކައިރިވި އިރު ވެސް އެކަން ނުވެ އޮތީ ކީއްވެގެން ހެއްޔެވެ.

މިނިސްޓަރު ޣައްސާނަކަށް އެސުވާލުގެ ޖަވާބެއް ނުދެވުނެވެ. ކޮންމެވެސް ސަބަބަކާ ހެދި އެކަން އަދި އޮތީ ނުވެ ކަމަށް ވިދާޅުވުން ނޫން އެހެން ޖަވާބެއް ނެތެވެ.

ޣައްސާން ގެ އެ ވާހަކަފުޅަށް ރައީސް ޔާމީންގެ ވެރިކަމުގައި ހޯމް މިނިސްޓަރުކަން ކުރެއްވި އުމަރު ނަސީރު ވިދާޅުވި ގޮތުގައި ޣައްސާން އެދައްކަވަނީ ހުސް ހޮޅި ވާހަކައެވެ. ޗެނަލް 13 ގައި ވާހަކަފުޅު ދައްކަވަމުން އުމަރު ވިދާޅުވީ ދިވެހި އަސްކަރިއްޔާގައި ޑޯނިއާ ދުއްވުމުގެ ގާބިލްކަން މިހާރު ވެސް ހުންނާނެ އެވެ. ނެތްނަމަ ނެތީ ހެލިކޮޕްޓަރު ދުއްވާނެ މީހުންނެވެ. އެއީ ހައެއްކަ މަސް ދުވަހުން ހެދިދާނެ ތަމްރީނެކެވެ. އެހެންކަމުން ގާބިލްކަން ނެތްކަމަށް ބުނާ ވާހަކަ ގަބޫލެއް ނުކުރެވެ އެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ އިންޑިއާގެ މިލިޓަރީ ރާއްޖެއިން ބޭރުކުރުމުގެ ވައުދާ އެކު އެވެ. މިލިޓަރީ ބޭރުކުރުމަކީ އެމީހުންގެ އުޅަނދުފަހަރާއި ރާޑަރުތަކާއި އެނޫންވެސް އާލާތްތަކާ އެކު އެސާމާނާ އެކު ތިބި ބަޔަކު ވެސް ފޮނުވާލުމެވެ. އެމަނިކުފާނަށް ރައްޔިތުން ވޯޓު ދިނީ އެ ވައުދު ފުއްދަވާނެ ކަމަށް ބަލައިގެންނެވެ. ނަމަވެސް ވެރިކަމާ ހަވާލުވެ ވަޑައިގެންނެވުމަށްފަހު މިފެނުނީ ވައުދު ފުއްދެވުމުގެ ބަދަލުގައި ރައްޔިތުންގެ ލޮގައި އަނދުން އަޅުވާ ތަނެވެ. ހަގީގަތުގައި އެއީ މިއަދުގެ ސަރުކާރަށް ފުއްދޭ ވަރަށް ވުރެ އުނދަގޫ ވައުދެކެވެ. އެއީ މިހާރު ގިނަ ބަޔަކު ގަބޫލުކުރާ ގޮތެވެ.