"ޕޮއެޓްރީ ތެރަޕީ" އަށް ދިވެހި ބަހުން ކިޔާނެ ދިވެހި ނަމެއް ފާސްކުރުމަށްފަހު އެފަރުވާ ފެށުމަށްޓަކައި ދިރާސާތައް ފެށުމަށް ތައްޔާރުވެއްޖެ އެވެ.

ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓްރީން ބުނީ ޕޮއެޓްރީ ތެރަޕީއަށް ކިޔާ ދިވެހި ނަމަކަށް ބަސް ކޮމިޓީއިން ނިންމާފައިވަނީ "ޅެންފަރުވާ" ކަމަށެވެ.

ދިވެހި ބަހުގައި "ޅެންފަރުވާ"ގެ މާނައަކީ ބަލި މީހާގެ އިޙްސާސްތަކާއި އުދާސްތަކާއި ގުޅޭ ޅެންހެދުމާއި ކިޔުމާއި އަޑުއެހުމުގެ ތެރެއިން ނަފުސަށް ގެނެސްދޭ ތަސައްލީއެއް ކަމަށް މިނިސްޓްރީން ބުނެ އެވެ.

ބަސްކޮމެޓީން މި ނަން ފާސްކުރުމާއެކު މި ނަން މިހާރު ވަނީ ބަސްފޮތުގެ އޮންލައިން އިސްދާރުގައި ވެސް ހިމަނައިފަ އެވެ.

ޅެންފަރުވާގެ ނަން ފާސްކޮށްފައިވާއިރު މިފަރުވާ ފެށުމަށްޓަކައި ކުރަންޖެހޭ ދިރާސާތައް ކުރުމަށް ގައުމީ ޔުނިވާސިޓީއާއެކު އެއްބަސްވުމެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށް ދިވެހިބަހާ ބެހޭ މިނިސްޓްރީން ބުނެ އެވެ.

މި އެއްބަސްވުމުގެ ދަށުން ޅެންފަރުވާއާ ބެހޭ އިލްމީ ދިރާސާތައް ކުރުމާއި ދިވެހި ޅެންތައް ބޭނުންކޮށްގެން ނަފުސީ ތަފާތު ބަލިތަކަށް ދެވިދާނެ ފަރުވާގެ މިންވަރާއި ތަފާތު ބަލިތަކަށް ފަރުވާ ދިނުމުގައި ގެންގުޅޭނެ އުސްލޫބުތަކުގެ މައްޗަށް ދިރާސާތައް ކުރެވިގެންދާނެ އެވެ.

މީގެ އިތުރުން ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓްރީން ބުނީ ޅެން ފަރުވާގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި, ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން (ޝީ)، މެންޓަލް ހެލްތް ސެންޓަރު، ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރު އަދި ދަމަަނަވެށީގެ ފަންނީ ބޭފުޅުންނާއެކު މަޝްވަރާކޮށްފައިވާ ކަމަށެވެ.

ދިވެހި ޅެންވެރިކަން ބޭނުންކޮށްގެން ނަފްސާނީ ހާލަތްތަކަށް ފަރުވާ ދެވޭތޯ ބެލުމުގެ ދިރާސާއެއް ކުރައްވާނެ ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓަރު އާދަމް ނަސީރު އބްރާހީމް އިއުލާނު ކުރައްވާފައި ވަނީ މިއަހަރުގެ ޅެންވެރީންގެ ދުވަސް ފާހަގަކުރުމަށް ގދ. ތިނަދޫގައި ބޭއްވި ރަސްމިއްޔާތުގަ އެވެ.