ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު މުސްތަފާ އަށް ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ދައްކަން ޖެހޭ މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

މުސްތަފާގެ ފަރާތުން 2019 ވަނަ އަހަރު މައްސަލަ ހުށަހަޅާފައި ވަނީ އޭނާ އަތުން އަކްރަމް ނެގި 400،000 ރުފިޔާ އާއި 50،000 ޑޮލަރު ދެއްކުމަށް އަކްރަމް ދިން ޗެކުތަކުން ފައިސާ ލިބިފައިވާ ނުވާތީ އެވެ. މުސްތަފާ އަތުން ފައިސާ ނެގި ކަމަށް އަކްރަމް އެއްބަސްވި ނަމަވެސް ދެ ފަރާތުގެ މެދުގައި ޚިލާފު އުފެދިފައި ވަނީ ދަރަނި އަނބުރާ ދައްކަން ޖެހޭ އަދަދާ މެދުގަ އެވެ. މުސްތަފާ އަށް ހަތަރު ލައްކަ ރުފިޔާ އަކްރަމް ދެއްކި ނަމަވެސް އެ ފައިސާ ދެއްކިކަމުގެ ހެއްކެއް ލިބެން ނެތް ކަމަށް ހުކުމްގައި ވަނީ ބުނެފަ އެވެ.

މި މައްސަލަ ޝަރީއަތަށް ހުށަހެޅުމަށް މުސްތަފާގެ ފަރާތުން ޚަރަދުވި އެއްލައްކަ ރުފިޔާ ނަގައިދިނުމަށް ވެސް ދައުވާގައި އެދިފައިވެ އެވެ. ނަމަވެސް އެ ފައިސާ ޚަރަދުކުރި ކަމުގެ ހެއްކެއް ދެއްކިފައި ނުވާތީ އެއީ ޝަރީއަތުން ނަގައިދޭން ޖެހޭ އެއްޗެއްގެ ގޮތުގައި ހުކުމްގައި ބަޔާންކޮށްފައެއް ނުވެ އެވެ.

އެހެންވެ ހުކުމްކޮށްފައި ވަނީ މުސްތަފާ އަތުން އަކްރަމް ނެގި 400،000 ރުފިޔާ އާއި 50،000 ޑޮލަރު ޖުލައި 19 ވަނަ ދުވަހުގެ ކުރިން ސިވިލް ކޯޓަށް ދައްކައި ދަރަނި ޚަލާސް ކުރުމަށެވެ.