ދިރާގުގެ ބްރޭންޑް އެމްބެސެޑަރަކަށް ރާއްޖޭގެ އެއްވަނަ ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ ހަމަޖައްސައިފި އެވެ.
ދިރާގުން އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެމްބެސިޑާޝިޕް އޭނާއާ ހަވާލުކުރީ އެ ކުންފުނީގެ ސީއީއޯ އިސްމާއިލް ރަޝީދެވެ.
ދިރާގުގެ ބްރޭންޑް އެންޑް މާކެޓިން، ކޮމިއުނިކޭޝަންސް ޑިރެކްޓަރު މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ ދިރާގުގެ އެމްބެސެޑަރަކަށް ދިމާ ހަމަޖެއްސުމަކީ އެ ކުންފުންޏަށް ލިބޭ ފަހުރެއް ކަމަށެވެ. ދީމާ އަކީ އެތައް ބަޔަކު ނަމޫނާއަކަށް ބަލަމުންދާ އަދި މުޅި ގައުމު ފަހުރުވެރިވާ ދަރިއެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ދިމާ ބުނީ ދިރާގުގެ އެމްބެސެޑަޝިޕް ކަން ލިބުމުން ވަރަށް އުފާވާ ކަމަށެވެ. އަދި ދިރާގުން ދެމުންދާ އެހީތެރިކަމަށް ޝުކުރު އޭނާ އަދަރާކުރި އެވެ. ކުރިއަށް ތަނުގައިވެސް ކުޅިވަރުގައި ރާއްޖެ އާއި ބޭރުގެ މުބާރާތްތަކުގައި ރާއްޖެ ތަމްސީލުކޮށް ކާމިޔާބީތައް ހާސިލު ކުރަން ވަރަށް ބޮޑަށް މަސައްކަތް ކުރާނެ ކަމަށް އޭނާ ބުންޏެވެ.
ދިރާގުން ބްރޭންޑް އެމްބެސެޑަޝިޕް ޕްރޮގްރާމު ކުރިއަށް ގެންދާތާ 10 ވަރަކަށް އަހަރު ވެއްޖެ އެވެ. އެ މުއްދަތުގެ ތެރޭގައި މިއުޒިޝަން މަރްހޫމް އަހުމަދު ނާޝިދު (ޒީރޯ ޑިގްރީ)، ސާފާ އިބްރާހިމް އަރީފާއި އަބްދުލް ގަފޫރު އަލީ (ގައްބެ) އާއި ދުވުންތެރިޔާ ހަސަން ސާއިދާއި ޒޫނާ ނަސީމް ފަދަ ބޭފުޅުން އެ ބްރޭންޑްގެ އެމްބެސެޑަރުކަން އަދާކުރި އެވެ.
ދީމާ ވަނީ މިއަހަރު ދެކުނު އޭޝިއާ ސަރަހައްދުގައި ބޭއްވި އޮލިމްޕިކް ކޮލިފައިން މުބާރާތް ކާމިޔާބުކޮށް އޮލިމްޕިކްސްއަށް ކޮލިފައިވި ފުރަތަމަ ދިވެހި އެތުލީޓުގެ ޝަރަފް ހޯދާފަ އެވެ.
ދިރާގުގެ ބްރޭންޑް އެމްބެސެޑަޝިޕް ޕްރޮގްރާމު ކުރިއަށް ގެންދާތާ 10 އަހަރު ވެފައިވާއިރު މިމުއްދަތުގެ ތެރޭގައި ރާއްޖޭގައި ފާހަގަކޮށްލެވޭ ޝަހްސިއްޔަތުތަކެއް ވަނީ ދިރާގުގެ އެމްބެސެޑަރުންގެ ގޮތުގައި ހަމަޖައްސާފަ އެވެ.