ޣައްޒާގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ރަފާހުގައި އިޒްރޭލުން ދެމުން ގެންދާ އަސްކަރީ ހަމަލާތައް ހުއްޓާލުމަށް އަންގައި އދ.ގެ ކޯޓުން އިއްޔެ ނެރުނު އަމުރަށް ކިޔަމަންވާން ޖެހޭ ކަމަށް ޔޫރަޕިއަން ޔޫނިއަންގެ ފޮރިން އެފެއާޒް ޗީފް ޖޯސެފް ބޮރެލް ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރި ޕޯސްޓެއްގައި އޭނާ ވިދާޅުވީ އައިސީޖޭ [އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް] ގެ އަމުރުތަކަކީ ގައުމުތަކަށް ލާޒިމް ކުރާ އަމުރެއް ކަމަށާއި އެ އަމުރުތައް ފުރިހަމައަށް އަދި ހަރުދަނާ ގޮތެއްގައި ތަންފީޒު ކުރަން ޖެހޭ ކަމަށެވެ.
އިޒްރޭލަށް އިއްވި އަމުރަށް އަޅުގަނޑުމެން ސަމާލުކަން ދެމުން މިދަނީ،" ޖޯސެފް ވިދާޅުވި އެވެ.
ނެދަލޭންޑްސްގެ ވެރިރަށް ދަ ހޭގްގައި ހުންނަ އދ.ގެ އެންމެ މަތީ ކޯޓް ކަމަށްވާ އައިސީޖޭއިން ހުކުރު ދުވަހު ވަނީ އިޒްރޭލުން ރަފަހަށް ދެމުން ގެންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށް އަމުރުކޮށްފަ އެވެ.
އިޒްރޭލުން ހިންގާ މި އުދުވާނަކީ ރަސްމީކޮށް ފަލަސްތީނުގެ މިނިވަން ކަމަށް ހަނގުރާމަކުރާ ހަމާސް އަށް އަމާޒުކޮށްގެން ހިންގާ އުދުވާނެއް ނަމަވެސް އެ ސިޓީގައި އެތައް ހާސް އާންމުންނަށް ވެސް ދަނީ ބޮޑެތި ގެއްލުންތަކެއް ދެމުންނެވެ.
އދ.ގެ ކޯޓުގެ ފަނޑިޔާރުން ވިދާޅުވާ ގޮތުގައި ރަފާގެ އިންސާނީ ހާލަތު މިހާރު އޮތީ ވަރަށް ގޯސްކޮށެވެ. އަދި އާންމުންގެ އާބާދީއަށް އިތުރު ގެއްލުމެއް ނުދިނުމަށް އިތުރު ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް އެ ފަނޑިޔާރުން ވިދާޅުވެ އެވެ.
ބޮރެލް އޭނާގެ ޕޯސްޓުގައި ވަނީ އިޒްރޭލުން "އިންސާނީ އެހީއަށް ޓަކައި ރަފާ ކްރޮސިން ހުޅުވާފައި ބެހެއްޓުމަށް" ކޯޓުން ނެރުނު އަމުރަށް ތަބާވުމަށް ގޮވާލައްވައިފަ އެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސް ޖަމާއަތުން ދިން ކުއްލި ހަމަލާތަކަށް ފަހު ރަފަހުގައި އިޒްރޭލުން ހިންގާ އަމަލުތަކަކީ ދިފާއީ އަދި އިންސާފުވެރި ހަނގުރާމައެއްގެ ބައެއް ކަމަށް ބުނެ، ކޯޓުން ކުރި ހުކުމަށް އިޒްރޭލުން ހުކުރު ދުވަހު ރައްދު ދީފި އެވެ.
އިޒްރޭލުގެ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ވެރިޔާ އާއި ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ، ޣައްޒާގައި ދިރިއުޅޭ ފަލަސްތީނުގެ އާއްމުންނަށް ޖިސްމާނީ ގޮތުން މުޅިން ނުވަތަ ބައެއް މިންވަރަށް ގެއްލުން ލިބިދާނެ ފަދަ އަސްކަރީ އަމަލުތައް ރަފާ ސަރަހައްދުގައި އެގައުމުން ހިންގާފައި ނުވާ ކަމަށާއި އަދި ނުކުރާނެ ކަމަށެވެ. އަދި ދެކުނު އެފްރިކާއިން އިޒްރޭލާ ދެކޮޅަށް ބައިނަލްއަގްވާމީ ކޯޓް އޮފް ޖަސްޓިސްގައި އުފުލާފައިވާ ޖަރީމާތަކުގެ ދައުވާތަކަކީ ހަގީގަތާ ހިލާފު، ހަރުކަށި އަދި ހަގީގަތެއް ނެތް ކަމެއް ކަމަށް އެ ބަޔާނުގައި ވެ އެވެ.