މިސް ޔުނިވާސް ފިލިޕީންސް ފުރަތަމަ ފަހަރަށް ކަޅު ނަސްލުގެ އަންހެނަކަށް ލިބިއްޖެ އެވެ.

އުމުރުން 24 އަހަރުގެ ޗެލްސީ މަނާލޯގެ މަންމަ އަކީ ފިލިޕީންސް އަންހެނެކެވެ. އަދި ބައްޕައަކީ އެފްރިކަން އެމެރިކަން ނަސްލުގެ މީހެކެވެ.

ޗެލްސީ ރަމްޒުކޮށްފައި ވަނީ އުތުރު މެނީލާގެ ޕްރޮވިންސްއެއް ކަމަށްވާ ބުލަކާން ޕްރޮވިންސް އެވެ. މި މުބާރާތުގައި 52 މީހުންނާއި ވާދާކޮށްގެން މިސް ޔުނިވާސް ފިލިޕީންސް މަގާމް ޗެލްސީ ވަނީ ހޯދާފަ އެވެ.

އުމުރުން 14 އަހަރުގައި މޮޑެލްކުރަން ފެށި ޗެލްސީ ބުނެފައި ވަނީ އޭނާގެ ހަމުގެ ކުލައިގެ ސަބަބުން ކުޑައިރު ވަރަށް ބުލީ ކުރި ކަމަށެވެ. އޭރު އެކަމާ ވަރަށް ދެރަވާ ކަމަށާއި އެކަމުން ސަލާާމަތްވީ މަންމަގެ ހިތްވަރުން ކަމަށް އޭނާ ބުންޏެވެ.

ޗެލްސީ މިހާރު ތައްޔާރު ވަނީ މިއަހަރު ފަހުކޮޅު މެކްސިކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ މިސް ޔުނިވާސް މުބާރާތުގައި ބައިވެރިވުމަށެވެ. މި މުބާރާތުގައި 100 އަށް ވުރެ ގިނަ ގައުމަކުން ވާދަކުރާނެ އެވެ. ފިލިޕީންސްއަށް މިސް ޔުނިވާސްގެ ލަގަބު 4 ފަހަރަށް ވަނީ ލިބިފަ އެވެ. ޗެލްސީގެ އުއްމީދަކީ މި ލަގަބު ފަސް ވަނަ ފަހަރަށް ގައުމަށް ހޯދައި ދިނުމެވެ.