ވިހި ވަނަ ރައްޔިތުންގެ މަޖިލީހަށް ކުރި ކެމްޕޭނުގެ ފޯރިގަދަ ދުވަސްތަކުގެ މަތިން އަދި ހަނދާން ނެތޭހާ ދުވަހެއް ނުވެ އެވެ. ސަރުކާރު ކެންޑިޑޭޓުްންނާއި އިދިކޮޅު ކެންޑިޑޭޓުން އަދި މިނިވަން ކެންޑޭޓުންނަކީ މީގެ ދެމަހެއްހާ ދުވަސްކުރިން އެ ދާއިރާއެއްގެ ރައްޔިތުންގެ އެންމެ ގާތް މީހުންނެވެ. ހަމަ ގުޅާލީ ފޯނު ނެގީ އެވެ. ކަމަކު ބުނެލައިފި ނަމަ ވަގުތުން އާ ބަސް ބުނެ އެވެ. ހޮވިއްޖެ ނަމަ ކޮށްދޭނެ ކަމަށް އެތައް ވައުދެއްވި އެވެ. އެ ވައުދުވި މެންބަރުން މިއަދު ކޮބައިތޯ އެވެ.

މަދު ދާއިރާއެއް ފިޔަވައި ހުރިހާ ދާއިރާއަކުން ވެސް މިއަދު އިވޭ އަޑަކީ އަހަރެމެންގެ ޖާނާއި މާލު އަދި އެތައް ވަގުތެއް ގުރުބާންކޮށްގެން ހޮވި މެންބަރު "ގެއްލިއްޖެ" ކަމުގެ އަޑެވެ. ގުޅާލިއަސް ފޯނަށް ޖަވާބު ނުދޭ ވާހަކަ އެވެ. ބޮޑު ކަމަކު ޖެހިގެން މެސެޖެއް ކޮށްލިއަސް ރިޕްލައި ނުކުރާ ވާހަކަ އެވެ. ދާއިރާގެ އާއްމުން ރައްޔިތުން އެކަންޏެއް ނޫނެވެ. ކެމްޕޭންތަކުގައި ބުރަކޮށް އުޅުނު މީހުންގެ ވެސް ޝަކުވާ އަކީ މިއީ އެވެ.

އާ މަޖިލީހުގައި ހިމެނޭ 93 ދާއިރާގެ ތެރޭން އިދިކޮޅު އެމްޑީޕީން ކާމިޔާބުކުރި 12 ދާއިރާ ފިޔަވައި ދެން މުޅިން ވެސް ތިބީ ސަރުކާރަށް ތާއީދުކުރާ ނުވަތަ ސަރުކާރު ކެންޑިޑޭޓުންނެވެ. މާމިނގިލީ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ޝިޔާމް މުހައްމަދާއި އެމްޑީއޭގެ ފަރާތުން ވެލިދޫ ދާއިރާގެ ގޮނޑި ހޯދި މުހައްމަދު އައްބާސް އާއި މާފަންނު އުތުރު ދާއިރާ އަށް ހޮވުނު އެމްއެންޕީގެ ލީޑަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް)ގެ ތާއީދު ވެސް އޮތީ ސަރުކާރަށެވެ. މަޖިލީހަށް އަމިއްލަ ގޮތުން ހޮވުނު މެންބަރުންތައް ވެސް ވަނީ މާލަސްތަކެއް ނުވެ "އެވީކަމެއް ވުމަށް ފަހު" ސަރުކާރު ހިންގާ ޕާޓީ އަށް ސޮއިކޮށްފަ އެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ މެންބަރުންނަށް ބޭއްވި އިންޑަކްޝަން ޕްރޮގްރާމް ގެ ތެރެއިން

އިދާރާއެހެންވެ އާ މަޖިލީހުގެ ސުޕަ މެޖޯރިޓީ މިއޮތީ ސަރުކާރުގެ އަތުގަ އެވެ. ނުވަތަ 81 މެންބަރުންނަކީ ސަރުކާރާ ގުޅިފައި ތިބި ބަޔަކަށްވާ އިރު ދާއިރާ އަށް ތަރައްގީ ހޯދައިދިނުމަށާއި ދާއިރާގެ ރައްޔިތުން އެދޭ ކަންކަން ފަސޭހަ ކޮށްދިނުމުގައި ދައްޗެއް އޮވެގެން ނުވާނެ އެވެ. ދާއިރާގެ ރައްޔިތަކު މުހުތާދަކު ގުޅައިފި ނަމަ ފޯނު ނެގުމަށް ފަހު އެކަމައިގެން އުޅެދޭން ދެއްކޭނެ އުޒުރެއް އޮވެގެން ނުވާނެ އެވެ.

ކެމްޕޭނުގައި ކެންޑިޑޭޓުންގެ ކިބައިން ރައްޔިތުން އެދިފައި ވަނީ މާބޮޑެތި ކަންކަމަކަށް ނޫނެވެ. އެ މީހުން ހޮވި މެންބަރު މާ މޮޅު ގާނޫނުތަކެއް މަޖިލީހަށް ހުށަހައި މަޖިލީހުގައި މާމޮޅު އިލްމީ ބަހުސްތަކެއް ކުރާނެ ކަމަކަށް ނޫނެވެ. އެފަދަ ގޮތަކަށް ރައްޔިތޔުން އުއްމީދު ވެސް ނުކުރާކަން އެނގެނީ ހޮވައިފައި ތިބި މެންބަރުންނަށް ބަލާލުމުންނެވެ. އޭގެ ބަދަލުގައި ރައްޔިތުން އެދުނީ ދާއިރާ ތަރައްގީ ކޮށްދިނުމުގައި މަސައްކަތް ކޮށްދިނުމަށެވެ. ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދިނުމަށެވެ. ބަލި މީހުންނަށް އާސަންދަ ފަސޭހަކޮށްދިނުމަށެވެ. ކެންޑިޑޭޓުން ވަނީ މިކަންކަމަށް ޔަގީންކަން ދީފަ އެވެ. ކެންޑިޑޭޓުންނަށް ތާއީދު ހޯދައިދޭން ދިޔަ ސަރުކާރުގެ އިސްވެރިން ވެސް ވަނީ މިކަންކަމަށް ވައުދުވެފަ އެވެ. ނަމަވެސް ހިތާމަ އަކީ މީހަކު ބަލިވެގެން ފަރުވާއަކަަށް އާސަންދަ ލިބުން ލަސްވާތީ އެކަމަށް އަތެއް އަޅާލަ ދޭން ގުޅިއަސް މިއިން މީހަކު ފޯނު ނުނަގާތީ އެވެ.

މަޖިލީހަށް އަލަށް ހޮވުނު މެންބަރުން އަހުލުވެރި ކުރަން މަޖިލީހުގެ އިދާރާ އިން އިއްޔެ ބޭއްވި ބައްދަލުވުމުގައި ހޯރަފުށީ ދާއިރާގެ މެންބަރު އަލީ މޫސާ. --ފޮޓޯ: މަޖިލިސް އިދާރާ

މިއީ ހުރިހާ މެންބަރުންގެ ހާލެއް ނޫނެވެ. ދާއިރާގެ ރައްޔިތުންނާ ވަރަށް ބޮޑަށް ގުޅުން ބާއްވާ މެންބަރުން ވެސް އެބަތިއްބެވެ. އެހެން ނަމަވެސް އަޣުލަބިއްޔަތު މެންބަރުންނާ މެދު އިވެނީ ޝަކުވާގެ އަޑެވެ.

މަޖިލީހަށް އަލަށް ހޮވުނު މެންބަރުން އަހުލުވެރި ކުރަން މަޖިލީހުގެ އިދާރާ އިން އިއްޔެ ބޭއްވި ބައްދަލުވުމުގައި ބައެއް މެންބަރުން. --ފޮޓޯ: މަޖިލިސް އިދާރާބަލިވެގެން ރާއްޖޭން ބޭރަށް ގޮސް ހުރި މީހަކު ބުނީ އޮޕަރޭޝަނެއް ކުރަން ޖެހިގެން އާސަންދަ އަވަސްކޮށް ދިނުމަށް އޭނާގެ ދާއިރާ އިން ހޮވި ކެންޑިޑޭޓް (މާދަމާ އިން ފެށިގެން މެންބަރު) އަށް ގުޅާ މެސެޖް ކުރުމުން ވެސް ޚަބަރެއް ނުވި ކަމަށެވެ. އެކަމަކު މިދެން ނެވި ބަލި މީހާ އަކީ އެ ކެންޑިޑޭޓް ހޮވުމަށް ނުނިދާ ކަހަލަ ގޮތަކަށް މަސައްކަތް ކުރި މީހެކެވެ. މިއީ އެންމެ ދާއިރާގެ މެންބަރަކަށް ކުރި ޝަކުވާ ނަމަވެސް މިއީ ގިނަ ދާއިރާތަކުން ހޮވުނު މީހުންނާ މެދު އެ ދާއިރާތަކުގެ ރައްޔިތުންގެ ޝުއޫރުތައް ހުރި ގޮތެވެ.

މަޖިލީހަށް އަލަށް ހޮވުނު މެންބަރުން އަހުލުވެރި ކުރަން މަޖިލީހުގެ އިދާރާ އިން އިއްޔެ ބޭއްވި ބައްދަލުވުމުގައި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ކުޑޭ) --ފޮޓޯ: މަޖިލިސް އިދާރާ

ހުވާ ވެސް ނުކުރަނީސް އެހާ އަވަހަށް ކެންޑިޑޭޓް ނުވަތަ މެންބަރު ގެއްލިދާނެ ކަމަށް މީހުން ހީވެސް ނުކުރެ އެވެ. ބައެއް މީހުން މިހާރު ބުނާ ކަހަލަ އެވެ. މި ކެންޑިޑޭޓް ފިޔަވައި ދެން ހުރި މީހާ ހޮވަން އުޅުނު ނަމަވެސް މާރަނގަޅުވީސް ތޯއްޗެކެެވެ.

އެކަމަކު ދެން އެނގިދާނެތާ އެވެ. މާދަމާ އަކީ އާ މަޖިލީހުގެ މެންބަރުން ހުވާ ކުރާ ދުވަހެވެ. ހުވައަށް ފަހު މެންބަރުކަމުގެ ފުރިހަމަ ބާރާއި އާރު ލިބުނީ އެވެ. ދާއިރާ އާއި ދާއިރާގެ ރައްޔިތުންނާ މެދު ދެކޭ ގޮތެއް ދެން އެނގިދާނެތާ އެވެ.