ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން 2024ގައި މުވައްޒަފުންނަށް ކުރި ހަރަދު، 2023ވަނަ އަހަރަށްވުރެ 44 މިލިއަން ރުފިޔާ އިތުރު ކަމަށް އެ ކުންފުނީގެ އޮޑިޓް ރިޕޯޓުން ދައްކައިފި އެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުން ދާދިފަހުން ނެރުނު ރިޕޯޓުގައިވާ ގޮތުން، 2024 ވަނަ އަހަރު މުވައްޒަފުންގެ ބަހާއަށް އެޗްޑީސީން ކުރި ޖުމްލަ ހަރަދު ވަނީ 500 މިލިއަން ރުފިޔާއަށް އަރާފަ އެވެ. މިއީ އޭގެ ކުރީ އަހަރު ހިނގި 455 މިލިއަން ރުފިޔާއާ އަޅާބަލާއިރު ބޮޑު އިތުރުވުމެކެވެ. މީގެ ތެރެއިން މުވައްޒަފުންގެ މުސާރައަށް އެކަނި ވެސް 157 މިލިއަން ރުފިޔާ ހޭދަވެފައިވާއިރު، އެއީ 2023 ވަނަ އަހަރަށްވުރެ 20 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
ހަމައެއާއެކު އިނާޔަތްތަކާއި ބޯނަސްތަކަށް ކުރި ހަރަދު 8.3 މިލިއަން އިތުރުވެ 301 މިލިއަން ރުފިޔާއަށް އަރާފައިވާއިރު، މުސާރައާއި އިނާޔަތްތަކުގެ ޖުމްލަ ހަރަދުން 6.61 ޕަސެންޓުގެ ކުރިއެރުމެއް ވަނީ ރެކޯޑުކުރެވިފަ އެވެ.
މި ރިޕޯޓުން އެންމެ ފާހަގަކޮށްލެވޭ އެއް ބަދަލަކީ މުވައްޒަފުންގެ ސިއްހީ ކަންކަމަށް ކުރި ހޭދަ، ކުރީ އަހަރުގެ 3.06 މިލިއަން ރުފިޔާއިން 18.8 މިލިއަން ރުފިޔާއަށް އުފުލި، 15 މިލިއަން ރުފިޔާގެ ބޮޑު އިތުރުވުމެއް އައުމެވެ. މީގެ އިތުރުން ޕެންޝަން ފަންޑަށް 9.8 މިލިއަން އަދި ދަތުރުފަތުރާއި ވިސާގެ ކަންކަމަށް 3.77 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
ހުޅުމާލެ ބެލެހެއްޓުމާއި ބޮޑެތި މަޝްރޫއުތައް ހިންގާ މި ކުންފުންޏަށް 2024 ގައި އާމްދަނީގެ ގޮތުގައި 3.54 ބިލިއަން ރުފިޔާ ލިބި، ސާފު ފައިދާގެ ގޮތުގައި 2.01 ބިލިއަން ރުފިޔާ ލިބުނު ނަމަވެސް، މިއީ އޭގެ ކުރީ އަހަރު ލިބުނު 2.04 ބިލިއަން ރުފިޔާގެ ފައިދާއާ އަޅާބަލާއިރު ކުޑަ ދަށްވުމެކެވެ. އަދި ކުންފުނީގެ ދަރަނި ވެސް ވަނީ 11.7 ބިލިއަން ރުފިޔާއިން 12.4 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.
ކުންފުނީގެ ހަރަދުތަކާއި ދަރަނި މިގޮތަށް ބޮޑުވަމުން ދާއިރު، އެޗްޑީސީއާއި ސަރުކާރުގެ އެހެން ކުންފުނިތަކުގައި މަސައްކަތާ ނުބައްދަލު މިންވަރަށް މުވައްޒަފުން ގިނަވުމުގެ ކަންބޮޑުވުން ވަނީ އިންތިހާއަށް ބޮޑުވެފަ އެވެ.
މި ހާލަތާ ގުޅިގެން ފިނޭންސް މިނިސްޓްރީން ވަނީ ހިންގުމުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 ޕަސެންޓް މަދުކުރަން އަންގާފަ އެވެ. އަދި ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވެސް ވަނީ ތިން މަސްދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމުމަށް ސަރުކާރު ކުންފުނިތަކަށް މުހުލަތެއް ދީފަ އެވެ.
މި އެންގުންތަކުގެ ކުރިން ވެސް، އެޗްޑީސީއާއި ފެނަކަ ފަދަ މުވައްޒަފުން ގިނަ ކުންފުނިތަކުން ދަނީ އަމިއްލައަށް ވަޒީފާއިން ވަކިވާން ބޭނުންވާ ފަރާތްތަކަށް ހާއްސަ ޕެކޭޖުތަކެއް ހުށަހަޅަމުންނެވެ. ރަސްމީ ހިސާބުތަކަށް ބަލާއިރު، ސަރުކާރު ކުންފުނިތަކުގައި މިހާރު ވެސް ޖުމްލަ 42,000 އެއްހާ މުވައްޒަފުން މަސައްކަތް ކުރަމުންދެ އެވެ.
ނަމަނަމަ ކޮންޓެކްޓް ލެންސްއާއެކު ނުނިދާތި!
ދަތުރުފަތުރުގެ އަގު 9 ޕަސެންޓަށް އުފުލިއްޖެ
ވޯލްޑް ކަޕް ފައިނަލްގެ ޓިކެޓެއްގެ އަގު 2.3 މިލިއަން ޑޮލަރަށް