މާލެއިން 89 ކޭސްއާ އެކު މިއަދު ޖުމްލަ 145 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަދު އަތޮޅުތެރެއިން 22 މީހަކު ޕޮޒިޓިވް ވެފައިވާއިރު ރިސޯޓްތަކުން ޖުމްލަ 32 މީހަކު އަދި ސަފާރީތަކުން ދެ މީހަކު ޕޮޒިޓިވްވެފައިވެ އެވެ.

މިރޭ ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ޑިރެކްޓަރު އަހްމަދު ނާސިރު ވިދާޅުވީ މިއަދު ފުވައްމުލައް ސިޓީން ހަތަރު މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި ކ. ކުރައިދުއިން އަށް މީހަކު، ރ. ރަސްގެތީމުން ތިން މީހަކު މ. ކޮޅުފުށިން އެކަކު، ކ. މާފުށިން ހަތަރު މީހަކު، ހދ. ހަނިމާދުއިން އެކަކު، އަދި އދ. ދިގުރަށުން އެކަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ދިގުރަށުން ޕޮޒިޓިވްވީ ގެސްޓު ހައުސްއެއްގައި ތިބި ފަތުރުވެރިންތަކެއް ކަމަށެވެ.

މިއަދުގެ 145 ކޭސްއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައިވަނީ ޖުމްލަ 18،612 މީހުންނަށެވެ. އެކްޓިވް ކޭސްގެ އަދަދު 2،484 ގައި މިހާރު ހުރިއިރު 16،061 މީހުންވަނީ މިހާތަނަށް މިބަލިން ރަނގަޅުވެފަ އެވެ.

މިހާތަނަށް މި ބަލީގައި 60 މީހަކު ވަނީ މަރުވަފައެވެ.