ރާއްޖޭގެ ގާނޫނު އަސާސީއަށާއި އެހެނިހެން އެކި ގާނޫނުތަކަށް ގެންނަން ޖެހޭ އިސްލާހުތަކެއް އެބަހުރި ކަމަށާއި އެ މަސައްކަތް މި މަޖިލީހުން ކުރާނެ ކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު މިއަދު ވިދާޅުވެއްޖެ އެވެ.

ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މިއަދު ހުވާކުރައްވާފައިވާއިރު މަޖިލީހުގެ މެޖޯރިޓީ ލިބިފައިވަނީ ވެރިކަންކުރާ ޕީއެންސީއަށެވެ. އެގޮތުން ޕީއެންސީގެ 75 މެމްބަރުން މިމަޖިލީހުގައި ތިއްބަވަ އެވެ.

ޕީއެންސީގެ ޕީޖީ ގުރޫޕޫގެ ސީނިއާ ޑެޕިއުޓީ ލީޑަރު އަދި ބާރަށު ދާއިރާގެ މެމްބަރު ޝުޖާއު ހުވާކުރުމުގެ ކުރިން ޕީއެސްއެމް އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ގާނޫނު އަސާސީ އާއި ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް އެބަހުރި ކަމަށެވެ. އެގޮތުން ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށް ގާނޫނުތަކަށް ގެންނަށްޖެހޭ އިސްލާހުތައް މި މަޖިލީހުން ގެނައުމަށް މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަލަށް އިންތިހާބުވި ޕީއެންސީގެ މަޖްލިސް މެމްބަރުން ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް މިއަދު ހެނދުނު މަޖިލީހުގެ އިދާރާއަށް ވަޑައިގަންނަވަނީ. ފޮޓޯ: މަޖްލިސް

"މި މަޖިލިސް ވެގެންދާނީ ވަރަށް ބުރަކޮށް މަސައްކަތް ކުރާ. މައިނޯރިޓީއަށް ވެސް އިހުތިރާމްކޮށްގެން މަސައްކަތް ކުރާ މަޖިލީހަކަށް ވިހި ވަނަ މަޖިލިސް ވެގެންދާނެ،" ޝުޖާއު ވިދާޅުވި އެވެ.

މީގެ އިތުރުން ޝުޖާއު ވިދާޅުވީ ސަރުކާރާއި ރައްޔިތުންގެ މަޖިލީހާއި މުޅި ޓީމު އޮތީ ވަރަށް ބަދަހިކޮށް ކަމަށެވެ.

އޭނާ ވިދާޅުވިގޮތުގައި އާ ގިނަ މެމްބަރުންނާއެކު އައު މަޖިލީހާއި ގުޅިފައި ވަނީ ގިނަ ރައްޔިތުންގެ އުންމީދުތަކަކާ އެވެ. އަދި ރައްޔިތުންނަށް ބޭނުންވާ ކަންކަން ފަހިކުރުމަށް ހަދާ ގާނޫނުތަކާއި، އަދި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް މުހިންމު ދައުރެއް މި މެންބަރުން އަދާ ކުރާނެ ކަމަށް ޝުޖާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ މެމްބަރުން ތަމްސީލު ކުރާ ދާއިރާތަކުގެ ރައްޔިތުން ވެސް ތިބީ އެ އުއްމީދުގައި ކަމަށެވެ.