މަންޑަލޭ (20 ފެބްރުއަރީ) - މިޔަންމާގައި އެގައުމުގެ ސިފައިން ގެނައި ބަޣާވާތާއި ދެކޮޅަށް އެ ގައުމުގައި ކުރަމުންދާ މުޒާހަރާތައް ރޫޅާލުމަށް ފުލުހުން ބާރުގެ ބޭނުންކުރުމުގެ ސަބަބުން އިތުރު ދެ މީހަކު މަރުވެއްޖެ އެވެ.

މިޔަންމާގެ ދެވަނަ އަށް އެންމެ ބޮޑު ސިޓީ މަންޑަލޭގައި މިއަދު ކުރިއަށްގެންދިޔަ މުޒާހަރާތައް ރޫޅާލުމަށް ފުލުހުން މުޒާހަރާގެ ބައިވެރިން ދުރައްޖެއްސުމަށް ބަޑި ޖެހުންމުން ކަމަށްވެ އެވެ.

މިއަދުގެ މުޒަހަރާތައް ކުރިއަށް ގެންގޮސްފައި ވަނީ ހުކުރު ދުވަހު ކުރި މުޒާހަރާގައި ސިފައިން ބަޑި ޖެހުމުގެ ސަބަބުން އުމުރުން 20 އަހަރުގެ ޒުވާން އަންހެން ކުއްޖަކު މަރުވުމާ ގުޅިގެންނެވެ.

ހޮނިހިރު ދުވަހު މިޔަންމާގެ އެކި ސިޓީތަކުގައި ވަނީ މުޒާހަރާކޮށްފަ އެވެ. މުޒާހަރާގެ ބައިވެރިންގެ ތެރޭގައި އެކިފަންތީގެ އެކި މަސައްކަތްކުރާ މީހުން އެ މީހުންގެ މަސައްކަތް ހުއްޓާލުމަށްފަހު ބައިވެރިވެފައިވެ އެވެ.

މުޒާހަރާގެ ބައިވެރިން ވަނީ މިޔަންމާގެ ސިފައިން ހިންގާ ލާއިންސާނީ އަމަލުތައް ހުއްޓާލުމަށާއި، ސިފައިންގެ ބަޣާވާތް ވަގުތުން ހުއްޓާލައި ޑިމޮކްރަޓިކް ގައުމެއްގެ ގޮތުގައި ދެމިއޮތުމަށް މިޔަންމާ ކުރަމުންދާ މަސައްކަތަށް އެހީތެރިވެދީ ހައްޔަރުކޮށްފައިވާ މީހުންތައް ދޫކޮށްލުމަށެވެ.

ހޮނިހިރު ދުވަހު މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާ ދެމެދު ހިނގި ކަންތައްތަކުގައި ގާތްގަނޑަކަށް 20 މީހުންނަށް އިންޖަރީވެފައިވާ ކަމަށް އެގައުމުގެ އެމަޖެންސީ ސާވިސްއިން ބުނެފި އެވެ. އަދި މަރުވި މީހުންގެ ތެރޭގައި ފުރަތަމަ މީހާގެ ބޮލަށް ވަޒަން އެރުމުގެ ސަބަބުން ވަގުތުން މަރުވި ކަމަށާއި އަދި ދެވަނަ މީހާ މަރުވެފައިވަނީ އޭނާގެ މެޔަށް ވަޒަން އެރުމުގެ ސަބަބުން ފަރުވާ ދެމުންދަނިކޮށެވެ.

މިޔަންމާގައި މުޒާހަރާ ކުރާތާ ދެ ހަފްތާއަށް ވުރެ ގިނަ ދުވަސްވެފައިވާއިރު މިހާތަނަށް ސަތޭކައަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ. މީގެ ތެރޭގައި މަސައްކަތް ހުއްޓާލައި ބައާވާތާއި ދެކޮޅަށް އިޖްތިހާދުކުރި ސިވިލް ސާވެންޓުން ވެސް ހިމެނޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފައިވެ އެވެ.

މިދިޔަ އަހަރު ބޭއްވި އާންމު އިންތިހާބުގައި މަކަރު ހެދިކަމަށް ތުހުމަތުކޮށް، ޑިފެކްޓޯ ލީޑަރު އަންގް ސަން ސޫކީއާއި ވެރިކަންކުރާ ނެޝަނަލް ލީގް ފޯ ޑިމޮކްރަސީ ޕާޓީގެ އިސްވެރިންތައް ސިފައިން ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އަސްކަރިއްޔާއިން ވަނީ ގައުމުގެ ބާރުތަކާ ހަވާލުވެފަ އެވެ.

އަސްކަރިއްޔާއިން ވަނީ މިޔަންމާގައި އެއް އަހަރު ދުވަހަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ. – ސްޓްރައިޓް ޓައިމްސް