ކްލާސްތައް ފިނުކުރުމުން ދަރިވަރުން މެދުގައި އުފެދޭ ހިތްހަމަނުޖެހުމާއި ބުލީ ކުރުމުން ފަދަ ކަންކަމުން ދަރިވަރުން ދުރުހެލިވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު އިސްމާއީލު ޝަފީއު ވިދާޅުވެއްޖެ އެވެ.

ސަރުކާރު ހުރިހާ ސްކޫލުތައް އޭސީ ކުރުމަށް ކުރިއަށްގެންދާ "ކޫލް ސްކޫލް" ޕްރޮޖެކްޓް އިފްތިތާހުކުރުމަށްޓަކައި މިއަދު މާފުށީ ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޝަފީއު ވިދާޅުވީ އޭސީ ހަރުކުރުމުގެ މަޝްރޫއު ފެށުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ވެސް ކާމިޔާބު ދަރިވަރެއް އުފެއްދުމަށް ބޭނުންވާ ހުރިހާ ވަސީލަތެއް ދަރިވަރުންނަށް ފަހި ކޮށްދިނުން ކަމަށެވެ.

ސަރުކާރުން ހުރިހާ ސްކޫލެއްގައި އޭސީ ހަރުކުރުމުން ދަރިވަރުންނަށާއި މުއްދަރިސުންނަށް ފައިދާތަކެއް ވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން ސްކޫލް ވެށްޓަކީ އުފާވެރި ހިތްހަމަޖެހޭ ވެށްޓަކަށް ބަދަލުވެ، ދަރިވަރުންގެ ސުލޫކާއި އުޅުމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް މިނިސްޓަރު ޝަފީއު ފާހަގަ ކުރެއްވި އެވެ.

"ބުލީއެއް ނުކުރާނެ. ރުޅިވެރިކަމެއް މިފަދަ މާހައުލެއްގައި ނޯންނާނެ. ޓީޗަރުންނާއި ސްކޫލު މެނޭޖްމެންޓާއި ބެލެނިވެރިން އެންމެން ގުޅިގެން ކުރާ މަސައްކަތުގެ ނަތީޖާއަކަށް ވާން ވާނީ ރަށަށް، ގައުމަށް އަދި އެ ކުދިންގެ މުޅި ދިރިއުޅުމަށް އުޖާލާކުރުވަނިވި ފިލާވަޅުތަކެއް، ތަރުބިއްޔަތުތަކެއް އަދި ކާމިޔާބު އިންސާނުން އުފެއްދުމަށް ލިބެން ޖެހޭ ހުރިހާ ތައުލީމަކާއި ތަރުބަވީ ކަންތައްތަކެއް ފުރިހަމަވެފައިވާ ވެއްޓަކަށް ސްކޫލް ވެށި ވެގެން ދިއުން،" މިނިސްޓަރު ޝަފީއު ވިދާޅުވި އެވެ.

"ކޫލް ސްކޫލު" މަޝްރޫއު އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން... ފޮޓޯ: އެޑިއުކެޝަން މިނިސްޓްރީ

ސްކޫލްތައް އޭސީކުރުމުން މިހާރު ދައުލަތުން ކުރާ ހަރަދަށް އިތުރުވެގެންދަނީ 38 ޕަސެންޓް ކަމަށާއި އެ ޕްރޮޖެކްޓްގެ 30 އިންސައްތަ ގެންދާނީ އިޔާދަކުރަނިވި ހަކަތައިން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މި މަޝްރޫއު ކުރިއަށް ގެންދަނީ ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ އެހީތެރިކަމާ އެކު، ސޯލާ ޕެނަލް ހަރުކުރެވޭނެ ސްކޫލްތައް ފާހަގަކޮށް ކުޑަ ހަރަދެއްގައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ސަރުކާރުގެ އަމާޒަކީ 2026 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށެންވާއިރަށް ސަރުކާރުގެ ހުރިހާ ސްކޫލެއްގައި އޭސީ ހަރުކޮށް ނިންމާލުންކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ.