މި ސަރުކާރުގެ ހަރުކަށި އަމަލުތަކަށް ފާރަވެރިވެ، އެ ކަންކަން ހުއްޓާލުމަށް ދިވެހި ސަރުކާރަށް ނަސޭހަތްތެރިވެ އެ ކަމަށް ބާރުއެޅުމަށް އިންޑިއާ ސަރުކާރުގެ ކިބައިން އިދިކޮޅު ކޯލިޝަނުން އެދިއްޖެ އެވެ.

ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖަޔަންޝަކަރްއާ އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީ ކޯލިޝަންގެ ލީޑާޝިޕްގެ ބޭފުޅުން މިއަދު ބޭއްވި ބައްދަލުވުމުގައި، މާފުށީ ޖަލުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެތައް ހައްގަކަށް އުނިކަން ލިބޭ ގޮތަށް ދައުލަތުގެ ތެރެއިން އިންތިޒާމު ކުރެވެމުންދާ ކަމާއި، ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކެމްޕޭނަށް ހަމަހަމަ ފުރުސަތު ޕީޕީއެމް އާއި ޕީއެންސީއަށް ނުލިބޭ ކަން އެ ކޯލިޝަންގެ ލީޑަޝިޕުން ފާހަގަކޮށްފައިވެ އެވެ.

އެ ބައްދަލުވުމާ ގުޅޭ ގޮތުން އިދިކޮޅު ކޯލިޝަނުން ނެރުނު ނޫސްބަޔާނެއްގައި ވަނީ ސަރުކާރުގެ އަމަލުތަކުގެ ސަބަބުން ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމު ދުވަހުން ދުވަހަށް ބަލިކަށިވަމުންދާ ކަމަށާއި ރާއްޖޭގެ ދާޚިލީ ހަމަޖެހުން އޮތުމަކީ އިންޑިއާއަށް މުހިއްމު ކަމެއް ކަމުގައި ދެކޭތީ މި ސަރުކާރުގެ ހަރުކަށި އަމަލުތަކަށް ފާރަވެރިވެ އެ ކަންކަން ހުއްޓާލުމަށް ދިވެހި ސަރުކާރަށް ނަސޭހަތްތެރިވެ އެ ކަމަށް ބާރު އެޅުމަށް އިންޑިއާ ސަރުކާރުގެ އެހީއަށް އެދިފައިވާ ކަމަށެވެ.

މާލޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަންގައި މިއަދު މެންދުރު އޮތް މި ބައްދަލުވުމުގައި ޕީޕީއެމް އާއި ޕީއެންސީގެ ވަފުދުގައި އިސްކޮށް ހުންނެވީ ކޯލިޝަންގެ އެކްޓިން ލީޑަރު، ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) އެވެ.

އޭނާގެ އިތުރުން އެ ބައްދަލުވުމުގައި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސައިން ޝަރީފް (މުންދު) އާއި، ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދާއި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފާއި ޕީޕީއެމްގެ ނައިބު ރައީސް އަދި ތ. ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫނާއި ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ބައިވެރިވެވަޑައިގެންނެވި އެވެ.

މީގެ އިތުރުން ޕީޕީއެމް އާއި ޕީއެންސީގެ ދެ އެޑްވައިޒަރުން ކަމުގައިވާ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވެސް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެވެ.