ޕާސްތާ އަކީ ދިވެހިންނަށް ވަރަށް ކަމުދާ އެއްޗެކެވެ. މި ފަހަރު މި ގެނެސްދެނީ ގޭގައި ތައްޔާރުކޮށްލަން ފަސޭހަ ސިއްހަތަށް ރަނގަޅު ޕާސްތާ ރެސިޕީއެކެވެ. ގާލިކް ބްރެޑް ކޮޅަކާއި ގްރީން ސެލެޑް ކޮޅަކާއެކު މި ޕާސްތާ ވަރަށް މީރުވާނެ އެވެ. މި ރެސީޕީގެ ޕޯޝަންކޮށްފައި ވަނީ ދެ މީހަކަށް ކެވޭ ވަރަށެވެ.

ބޭނުންވާ ތަކެތި

  • 100 ގްރާމް ބޯންލެސް ޗިކަން (ކެވޭ ވަރަށް ކުދިކޮށް ކޮށާފައި)
  • ޕެނޭ ޕާސްތާ ( 2 މީހުންނަށް ވާ ވަރަށް)
  • ލޮނު (ހެޔޮވަރު ވަރަށް)
  • މުގުރި އަސޭމިރުން (ހެޔޮވަރު ވަރަށް)
  • މޭޒުމަތީ ދެ ސަމްސާގެ އޮލިވް އޮއިލް
  • މެދު ސައިޒުގެ 1 ފިޔާ ( ކުދިކޮށް ކޮށާފައި)
  • 3 ލޮނުމެދު ކޮޅު ( ކުދިކޮށް ކޮށާފައި)
  • 1/4 ކަޕް ހެވީ ކްރީމް
  • އިޓާލިއަން ސީޒަނިން
  • މިރުސް ( ކުޅިކުރަން ބޭނުންވާ ވަރަކަށް)
  • 1 ކަޕް ބޭބީ ސްޕިނެޗް ( ކުޑަ ކޮށް ކޮށާލާފާ )
  • ޕާމެޝާން ޗީޒް

ތައްޔާރުކުރާނެ ގޮތް

  1. ޕާސްތާކޮޅު ވަކިން ހޫނުފެނުގައި ކައްކާލާށެވެ. ޕާސްތާ ކެއްކި ފެންކޮޅުން އެތި ކޮޅެއް ވަކިން ބަހައްޓަންވާނެ އެވެ.
  2. ޗިކަންކޮޅުތައް ލޮނު ކޮޅަކާއި އަސޭމިރުސް ކޮޅަކުން ސީޒަންކުރުމަށް ފަހު، ތަވާ މަތީ ތެޔޮ ކޮޅަކާއެކު ރަން ކުލަ އަރަންދެން ގްރިލް ކޮށްލާށެވެ. އަދި ޗިކަން ކޮޅު ވަކިން ބަހައްޓާލާށެވެ.
  3. މީޑިއަމް ހީޓްގައި އޮލިވް އޮއިލް ކޮޅުގައި ފިޔާ އަދި ލޮނުމެދު މީރުކޮށްލާށެވެ. ރަން ކުލަ އެރުމުން ކުރިން ރައްކާކުރި ޕާސްތާ ފެންކޮޅު އަޅާލާށެވެ. ފެންކޮޅު ބޮޑަށް ދިޔުމުން، ހެވީ ކްރީމް ކޮޅާއި މިރުސްކޮޅާއި ސީޒަނިން ބޭނުންވާ ވަރަށް އަޅާލާށެވެ. އަދި ލޮނު ވެސް ބޭނުންވާ ވަރަށް އަޅާލާށެވެ. ދޮން މަަޑު ކޮށްލުމަށް ފަހު ކްރީމް ގަނޑު ކައްކާލާށެވެ. ދެން އަޅާނީ ސްޕިނެޗް ކޮޅާއި ޗިކަން ކޮޅުތަކެވެ.
  4. ކްރީމް ކޮޅާއި ޕާސްތާކޮޅު އެއްކޮއްލުމަށް ފަހު މައްޗަށް ބޭނުންވަރަކަށް ޕާމެޝާން ޗީޒް ގާނާލާށެވެ.

މިހާރު ތިހިރީ ކްރީމީ ޗިކަން އެންޑް ސްޕިނެޗް ޕާސްތާ ތައްޔާރުކުރެވިފަ އެވެ.