މިދިޔަ ހުކުރު ދުވަހު މާލޭގެ ކެފޭއެއްގައި ތިބި ޗެނަލް13 ގެ ދެ ނޫސްވެރިއަކަށް ފުލުހުން އަނިޔާ ކުރި މައްސަލާގައި ނޫސްވެރިންތަކެއް އިހްތިޖާޖުކޮށްފި އެވެ.

އެކި މީޑިއާތަކުގެ ނޫސްވެރިން މިއަދު އިހްތިޖާޖު ކޮށްފައި ވަނީ ގ. ބިއްލޫރި ޖެހިގެ ކުރިމަތީގަ އެވެ. އެއީ މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން ހުންނަ ބިލްޑިން އެވެ.

އެކި ލިޔުންތައް ލިޔެފައިވާ ބޯޑުތައް ހިފައިގެން ނޫސްވެރިން އިހްތިޖާޖު ކުރިއަށް ގެންދިޔައީ ތިން ފޫޓު ދުރުގައި ތިބެގެންނެވެ. ހުރިހާ ނޫސްވެރިން ވެސް ތިބީ މާސްކު އަޅައިގެންނެވެ.

އިހްތިޖާޖުގެ ބައިވެރިންނާ ބައްދަލު ކުރައްވައި މީޑިއާ ކައުންސިލްގެ ރައީސް ސަހުބާން ފަހުމީ ވިދާޅުވީ ޗެނަލް 13 ނޫސްވެރިންނަށް އަނިޔާ ކުރި މައްސަލަ އެ ކައުންސިލްގެ ކޮމިޓީއަކުން ބެލުމަށްފަހު ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނަށް ހުށަހަޅާނެ ކަމަށެވެ.

ސަހުބާން ވިދާޅުވީ އެ މައްސަލާގައި އިންސާފު ހޯދައިދިނުމަށް ކުރަންޖެހޭ ހުރިހާ ކަމެއް އެ ކައުންސިލުން ކުރަމުންދާނެ ކަމަށެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުގެ ރައީސް މަރިޔަމް ވަހީދާ ވެސް ވިދާޅުވީ އެ މައްސަލަ އިންޓެގްރިޓީ ކޮމިޝަނަށް ހުށަހެޅުމަށް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

އިހްތިޖާޖުގައި ބައިވެރިވި ނޫސްވެރިން ބުނީ ސިޔާސީ ޕާޓީތަކުން ބާއްވާ މުޒާހަރާތައް ކަވަރު ކުރުމުގައި ހަރަކާތްތެރިވާ ނޫސްވެރިންނަށް ފުލުހުން ހުރަސްއަޅައި ދަތިކުރަމުން ގެންދާ ކަމަށެވެ. އަދި އެކަމަށް ދާއިމީ ހައްލެއް ބޭނުންވާ ކަމަށް ނޫސްވެރިން ބުންޏެވެ.