ޕީޕީއެމް އިން އަބަދުވެސް އެންމެ ބޮޑު އިސްކަމެއް ދީގެން ދިފާއުކޮށް، ރައްކާތެރިކުރަމުން އަންނަ އަސާސަކީ ގައުމުގެ މިނިވަންކަމާއި ސިޔާދަތީ ބާރު ކަމަށް އެ ޕާޓީން ބުނެފި އެވެ.

ޕީޕީއެމް އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވަނީ އިސްލާމްދީނުގެ މަތިވެރި ހިދާޔަތާއި ނޫރު ރާއްޖޭގައި ފެތުރުމަށް މުހިންމު ވަސިއްޔަތަށްފަހު، އެ ޕާޓީން އަބަދުވެސް އެންމެ ބޮޑު އިސްކަމެއް ދީގެން ދިފާއުކޮށް، ރައްކާތެރިކުރަމުން އަންނަ އަސާސަކީ ގައުމުގެ މިނިވަންކަމާއި ސިޔާދަތީ ބާރު ކަމަށެވެ.

ޕީޕީއެމް އިން ބުނީ އެޕާޓީގެ ވެރިކަމުގައި ބިނާކުރަނިވި ޚާރިޖީ ސިޔާސަތެއް ގެންގުޅުމާއި ފައިދާކުރަނިވި އަސްކަރީ ލަނޑުދަނޑިތަކެއް ހާސިލުކުރުމަށް ކުރެވުނު މަސައްކަތްތަކުގައިވެސް، އިސްވެ ދެންނެވުނު މައިގަނޑު އަސާސްތަކާ ޚިލާފު އެއްވެސް ހުށަހެޅުމަކަށް ނުވަތަ ދައުވަތަކަށް އެޕާޓީން އިޖާބަދީފައި ނުވާނެކަން ފަޚުރުވެރިކަމާއެކު ކަމަށެވެ.

"އުތުރު ތިލަފަޅުވިޔަސް، ނުވަތަ ރާއްޖޭގެ އިގްތިސާދީ ސަރަޙައްދުގައި ހިމެނޭ އެއްވެސް ކަނޑެއް، ފަޅެއް، ރަށެއް، ހަލެއް އަދި ގިރިއެއްވެސް ބޭރުގެ އަސްކަރީ އަދި އިސްތިއުމާރީ ބާރަކަށް ދޫވެ، ބީވެގެންދާނެ އަމަލެއް ޕީޕީއެމް އަކުން ނުހިންގާނެއެވެ. އަދި، އެފަދަ އަމަލެއް އެހެން ބަޔަކު ހިންގަން މަސައްކަތްކުރާނަމަ، އެކަމަކަށް މިޕާޓީން ހުރަސްއަޅާނެވެސްމެއެވެ،" ޕީޕީއެމްގެ ބަޔާނުގައިވެ އެވެ.

ރާއްޖޭގެ ގާނޫނު އަސާސީ ތަންނުދޭ އަދި ގާނޫނުތަކުން ހުއްދަނުކުރާ ކަންކަމާއި، ގައުމުގެ އެންމެ މަތިވެރި ބަހާތަކަށް އުނިކަން އަތުވެދާނެފަދަ ކަންކަމަށް، ސާބިތުކަމާއެކު ކުޑަވެސް ޖެހިލުމެއްނެތި، ނޫނެކޭ ވިދާޅުވި ރައީސުލްޖުމްހޫރިއްޔާއަކީ އެ ޕާޓީގެ ލީޑަރު، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ކަމަށް ޕީޕީއެމްގެ ބަޔާނުގައިވެ އެވެ.

"އެއީ އެމަނިކުފާނަށް މިއަދުވެސް ދިވެހި ލޮބުވެތި ރައްޔިތުން ބޮޑުތަނުން ތާއީދުކުރާ އަދި އިތުބާރު ކުރާ މުހިންމު އެއް ސަބަބެވެ،" ޕީޕީއެމް އިން ބުންޏެވެ.

ޕީޕީއެމް އިން ބުނީ ދިވެހިންގެ މި ލޮބުވެތި އަދި ކަރާމާތްތެރި ފަސްގަނޑުގައި ބޭރު އެއްވެސް ގައުމެއްގެ ސިފައިން ދިގު މުއްދަތަކަށް ނުވަތަ ދާއިމީ ސިފައެއްގައި ތިބުމަކީ އެ ޕާޓީން ދުވަހަކުވެސް ތާއީދުކުރި އަދި ތާއީދު ކުރާނެ ކަމެއްވެސް ނޫން ކަމަށެވެ. އެފަދަ ހުށަހެޅުމުގެ ބަދަލުގައި ނުވަތަ މުގާބިލުގައި ކޮންމެ އެއްޗެއް ނުވަތަ ކަމެއް ހުށަހެޅުނުކަމުގައިވިއަސް، އެ ޕާޓީން ވެރިކަން ކުރަމުންދިޔައީ ގައުމުގެ މިނިވަންކަމާއި އިސްތިގްލާލަށް ވަފާތެރިކަން އަދާކުރުންމަތީގައި ކަމަށް ވެސް ޕީޕީއެމް އިން ބުންޏެވެ.

" މިޕާޓީގެ ސަރުކާރުގަ އައި އެފަދަ ހުރިހާ ހުށަހެޅުމެއް އޮންނާނީ ގާދޫކޮލުން ބޭރަށް އެއްލާލާފައެވެ،" ޕީޕީއެމް އިން ބުންޏެވެ.

ޕީޕީއެމް ވެރިކަން ބަދަލުކުރަން ބޭރުގެ އެތައް ބަޔަކު ފޫގަޅައިގެން ހޭދަކުރަމުންދިޔައީ އެބައެއްގެ އެފަދަ އުންމީދުތައް އެ ޕާޓީގެ ވެރިކަމެއްގައި ދުވަހަކުވެސް ހަގީގަތަކަށް ނުވާނެކަން އެނގޭތީ އާއި ރައީސް ޔާމީންގެ ޒައާމަތެއްގައި އެފަދަ ނުފޫޒެއް ގައުމަށް އަދި ރައްޔިތުންނަށް ނުދެއްވާނެކަން ޔަގީންވާތީ ކަމަށް ޕީޕީއެމް އިން ބުންޏެވެ.

ގައުމަށް ތަކުރާރުކޮށް ޣައްދާރުވެފައިވާ ޚާއިނުންތަކެއްގެ ތެރެއިން އުފެދިގެން އައި ސިޔާސީ ޕާޓީއެއް މިއަދު ވެރިކަމުގައި އޮވެގެން، ގައުމުގެ ދީނީ ޝިއާރު ފަނޑުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ޕާޓީން ވަނީ ތުހުމަތުކޮށްފަ އެވެ.

"މިސަރުކާރުން ހިންގާ މިފަދަ ކޮންމެ އަމަލެއް، މިސަރުކާރު ވެރިކަމުން ދުރުކުރުމަށްފަހު ވަގުތުން ބަދަލުކުރެވޭނެއެވެ. ކުރާނަމެވެ. އޭގެ ސިޔާސީ، ޚާރިޖީ އަދި މާލީ އަގަކަށް ބެލުމެއް ނޯންނާނެއެވެ. ވީމާ، މިޕާޓީގެ ރައީސްގެ ނަންފުޅާއި މިޕާޓީގެ ނަން ގަނެގެން، ޤައުމުގެ ސިޔާދަތަށް ބުރޫއަރާނެ ޖަރީމާތައް ހިންގަން ރައްޔިތުންގެ ރުހުން ހޯދަން މިސަރުކާރުން މަސައްކަތްކުރުމަކީ ފޫނެތް ފަޔަކަށް ފެންފުރުމެވެ. މިޕާޓީގެ އަސާސްތައް ރައްޔިތުންނަށް އޮޅުވައެއް ނުލެވޭނެއެވެ. މިސަރުކާރާ ޚިލާފަށް، މިޕާޓީގެ ވެރިކަމުގައި ކަންކަން ވާނީ ރައްޔިތުންނަށް އަމާލާއި ބަހުން ދައްކުވާދީފައެވެ،" ޕީޕީއެމް އިން ބުންޏެވެ.