އެޗްއާރުސީއެމްގެ މެމްބަރުކަމުގެ މަގާމު ހުސްވެފައިވާތީ، އެ ކޮމިޝަނަށް މެންބަރަކު އައްޔަންކުރެއްވުމަށްޓަކައި މެމްބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު، މިއަދު ހުޅުވާލައިފި އެވެ.

ރައީސް އޮފީހުން ބުނީ މެމްބަރުކަމުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ޖޫން 30 ވަނަ ދުވަހު ހެނދުނު 08:30 އިން މެންދުރުފަހު 12:30 އަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަމަށެވެ. އެ ކޮމިޝަނުގެ މެމްބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެ އެވެ.

އެޗްއާރުސީއެމް އެކުލެވިގެން ވަނީ ފަސް މެމްބަރުންގެ މައްޗަށެވެ.

އެޗްއާރުސީއެމްގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވައިލީ، އެ ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި ހުންނެވި ޑރ. އަހްމަދު އަދުހަމް އަބްދުﷲ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އެޗްއާރްސީއެމްގައި މިހާރު ތިއްބެވި ހަތަރު މެންބަރުންނަކީ ކޮމިޝަންގެ ރައީސް މަރިޔަމް މުނާ އާއި، ކޮމިޝަންގެ މެންބަރުން ކަަމަށްވާ މުއުމިނާ ވަހީދު އާއި، އާމިނަތު ޝިފާއަތު އަބްދުއްރައްޒާގުގެ އިތުރުން ސަމާއު އަހްމަދު ނަޖީބެވެ.