ހއ. ހޯރަފުށީ ހާފްވޭ ހައުސް އުވާލައި، އެތަނުގައި މަސައްކަތް ކުރަމުންދިޔަ ހުރިހާ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި އެވެ.

މުވައްޒަފުން ވަޒީފާއިން ވަކިކުރިކަން އެންގީ ހޯމް މިނިސްޓަރީގެ ޑިރެކްޓާ ޖެނެރަލް އަހުމަދު ޝަރީފް ނަފީސް ސޮއި ކުރައްވައި މެއި 29، ގައި ހާފްވޭ ހައުސްގައި މަސައްކަތް ކުރި މުވައްޒަފުންނަށް ފޮނުވާފައިވާ ސިޓީއަކުންނެވެ.

އެ ސިޓީގައި ވަނީ އެތަން އުވާލީ އެ ހިދުމަތް ދެވޭނެ ކުދިން ނެތުމުގެ ސަބަބުން ކަމަށެވެ. ހާފްވޭ ހައުސް އުވާލުމަށްފަހު އެތަން ހިންގި އިމާރާތް ޖުވެނައިލް ރެޒިޑެންޝިއަލް ސެންޓަރަކަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށް އެ ސިޓީގައިވެ އެވެ.

ހާފްވޭހައުސްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރި ސަބަބެއް ކަމަށް އެ ސިޓީގައި ބަޔާންކޮށްފައި ވަނީ އެ މުވައްޒަފުން ވަކިކުރެވިދާނެ ކަމަށް ސިވިލް ސާވިސް ކޮމިޝަނުން ލަފާދީފައިވާތީ ކަމަށެވެ.

"އަދި މިކަމާ ގުޅިގެން ސިވިލް ސާވިސް ކޮމިޝަނުން ލަފާދެއްވައިފައި ވަނީ، ހާފްވޭހައުސްގެ ދާއިމީ މަގާމުތަކަށް އައްޔަނު ކޮށްފައިވާ މުވައްޒަފުން ވަޒީފާއިން ދޫކޮށްލުމުގެ ކަންކަން، ސިވިލް ސާވިސް ގަވާއިދު 2014 ގެ 223 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ކުރިއަށް ގެންދިޔުމަށެވެ،" އެ ސިޓީގައިވެ އެވެ.

މުވައްޒަފުން ވަޒީފާގައި ހިދުމަތްކޮށްފައިވާ މުއްދަތު އެއް އަހަރަށް ވުރެ މަދުނަމަ، އެއް މަސްދުވަހުގެ ނޯޓިހުގެ މުއްދަތަށްވާ ފައިސާ ދިނުމަށްފަހު އެ މުވައްޒަފުން ވަކި ކުރަން ނިންމައިފައިވާ ކަމަށް އެ ސިޓީގައިވެ އެވެ.

މީގެއިތުރުން އެ ނިންމުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށްޓަކައި "އިދާރާގެ ނަމުގައި ނިހާޔަތަށް މައާފަށް،" އެދޭ ކަމަށް އެ ސިޓީގައިވެ އެވެ.