މިދިޔަ ހުކުރު ދުވަހު ލަވަކިޔުންތެރިޔާ ރިހާނާ ލައިގެން ހުރި ޓީޝާޓު ފޭނުންގެ ސަމާލުކަމަށް އައިސް ފިއެވެ.

އޭނާ ވަނީ ލޯބިވެރިޔާ އެސެޕް ރޮކީ އާއެކު ނިޔުޔޯކަށް ކުރި ދަތުރެއްގައި ބޭރަށް ނުކުމެ އުޅުނުއިރު ހުރީ "އައިމް ރިޓަޔާޑް" ޖަހާފައި އިން ނޫކުލައިގެ ޓީޝާޓެއް ލައިގެންނެވެ.

މި ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާއެކު އޭނާގެ މިއުޒިކްގެ ފޭނުން ވަނީ ދެން އޭނާގެ އަލްބަމެއް ފެންނާނެކަމުގެ އުއްމީދު ކަނޑާލަން ވެއްޖެކަމަށް ބުނެފަ އެވެ. އަދި މީ އޭނާގެ ފަރާތުން ފޭނުންނަށް ދޭ މެސެޖެއް ކަމަށް ބުނެފަ އެވެ. ރިހާނާ އެންމެ ފަހުން އަލްބަމެއް ނެރެފައި ވަނީ 2016 ގަ އެވެ.

ރިހާނާ މިހާރު ބޮޑަށް މަސައްކަތް ކުރަނީ 2017 ގައި އޭނާ އުފައްދާފައިވާ ބިއުޓީ ބްރޭންޑް "ފެންޓީ ބިއުޓީ" ކުރިއެރުމަށެވެ. ގާތްގަނޑަކަށް ހަތް އަހަރުގެ ތެރޭގައި ފެންޓީ ބިއުޓީ ވަނީ ވަރަށް ބޮޑު ކުރިއެރުމެއް ހޯދައި، 2.8 ބިލިއަން ޑޮލަރުގެ އަގުހުރި ކުންފުންޏަކަށް ވެފަ އެވެ. 2016 އިން ފެށިގެން އެއްވެސް އަލްބަމެއް ނުނެރުނަސް އޭނާ ވަނީ ސިންގަލްސް ލަވަ ރިލީޒްކޮށްފަ އެވެ. އަދި މިދިޔަ އަހަރުގެ އެންއެފްއެލް ސުޕަބައުލް ހާފްޓައިޕް ޝޯގައި އޭނާ ވަނީ ހުށަހަޅައިދީފަ އެވެ.