އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުން ގެންދާ ގަތުލުއާންމުތަކާ ދެކޮޅު ހެދުމުގެ ގޮތުން އިސްރާއީލްގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރަން ގާނޫނަށް އިސްލާހު ގެނައުމަށް އިދިކޮޅު އެމްޑީޕީން ހުށަހަހެޅި ބިލަށް ދެކޮޅު ހައްދަވައި އެ ބިލް ދިރާސާ ކުރަން ކޮމިޓީ އަށް ފޮނުވަން މަޖިލިހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ގޮވާލައްވައިފި އެވެ.

އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ. އެ ބިލްގައި އޮތީ އިސްރާއީލްގެ ޕާސްޕޯޓާއި އެހެން ގައުމެއްގެ ޕާސްޕޯޓެއް އޮތް އިސްރާއީލް މީހުން ވެސް ރާއްޖެ އެތެރެވުމުގެ ހުއްދަ ނެތް މީހެއްގެ ގޮތުގައި ކަނޑައަޅާށެވެ.

ގާސިމް ވިދާޅުވީ އުމްރާ އަށް ދާ ތިން ހަރަމުގެ ތެރެއިން އެއް ހަރަމު ހުންނަ ބިމެއްގައި ދިރިއުޅޭ ޔަހޫދީންނަށް ރާއްޖެ އަށް ނާދެވޭ ގޮތް ހެދުމުގެ ކުރިން ވަރަށް ބޮޑަށް ވިސްނާލަން ޖެހޭ ކަމަށެވެ. އަދި އެމްޑީޕީގެ މެމްބަރު އެ ބިލް ހުށަހެޅުއްވީ ދިރާސާކުރަން ޖެހޭ މިންވަރަށް ދިރާސާނުކޮށް ވިސްނަން ޖެހޭ ވަރަށް ނުވިސްނާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަދި މަޖިލިހުން ނިންމާ ނިންމުން ވާން ވާނީ ރާއްޖޭގެ މުސްތަގުބަލަށާއި ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ނިންމާ ނިންމުމަކަށް ކަމުގައި އޭނާ ވިދާޅުވި އެވެ.

"މިއަދުގެ ސަރުކާރުން މިކަމާ މެދު ގެންގުޅޭ ވިސްނުންފުޅަށް އެއްޗެއް ދަންނަވާކަށް ނެތިން. ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ހޮވިފައި ތިބި ބަޔަކީ މި މަޖިލީހުގެ މެންބަރުން. މި މަޖިލީހުން ނިންމުން ވާން ވާނީ ދިވެހިރާއްޖޭގެ މުސްތަގްބަލަށާއި އަޅުގަނޑުމެންގެ ސަލާމަތް ކަމަށާއި ރައްކާތެރިކަމަށް ކުރަން ޖެހޭ ކަމަކަށް ވާން ޖެހޭނެ،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ދިވެހިން ސަލާމަތުން ނެތް ނަމަ އެއްވެސް ކަމެއް ނެތް ކަމަށާއި މި ނިންމުން ނިންމަން ޖެހޭނީ ކެތްތެރިކަމާއެކު ޖަޒުބާތުގައި ނުޖެހި ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެއީ ސިޔާސީ ގޮތުން ޕީއެންސީގެ ވެރިކަން ނިމުމަކަށް ގެނައުމަށްޓަކައި ރައްޔިތުންގެ ހިތުގައި ނަފްރަތުގައި އުފެއްދުމަށްޓަކައި އެކުލަވާފައިވާ މައްސަލައެއް" ގާސިމް ވިދާޅުވި އެވެ.

އެ ބިލުގެ ބަހުސްގައި ޕީއެންސީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާޙީމް ފަލާހް ވަނީ އެ ބިލު މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ އަށް ފޮނުވުމަށް ގޮވާލައްވައިފަ އެވެ. ގާސިމް ވަނީ ފަލާހަށް ތާއީދު ކުރައްވައިފަ އެވެ.