ރާއްޖޭގެ މާލީ ހާލަތު ދެނެގަތުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފަށާފައިވާ މަސައްކަތްތަކަށް މައުލޫމާތު ހޯދުމަށް މިއަދު ބޭއްވި ބައްދަލުވުން ފިނޭސް މިނިސްޓަރު އެދިގެން ސިއްރުކޮށްފި އެވެ.

މިއަދު މާލިއްޔަތު ކޮމެޓީއިން ބޭއްވި ބައްދަލުވުމަކީ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ހާޒިރުކޮށްގެން މައުލޫމާތު ސާފުކުރުމަށް ބޭއްވި ބައްދަލުވުމެކެވެ. އެހެން ނަމަވެސް މިނިސްޓަރު ޝަފީގު އާލާސްކަންފުޅާއި އުޅުއްވާތީ މިއަދުގެ ކޮމެޓީ ބައްދަލުވުމަށް ހާޒިރުވެފައިނުވެ އެވެ. ނަމަވެސް ފިނޭންސް މިނިސްޓްރީން ވަނީ ކޮމެޓީން އެދުނު މައުލޫމާތުތައް ލިޔުމުން ކޮމެޓީއާ ހިއްސާކޮށްފަ އެވެ.

އެ ލިޔެކިޔުންތަކާއި ގުޅޭގޮތުން މަޝްވަރާ ފެށުމަށް ތައްޔާރުވެފައިވަނިކޮށް، މަޖިލީހުގެ ނައިބް ރައީސް ވަނީ އީ ހައްސާސް މައްސަލައެއް ކަމުން މިނިސްޓަރު ބޭނުންފުޅުވަނީ ކޮމިޓީ ސިއްރުކޮށްގެން ކުރިއަށް ގެންދިއުމަށް ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. އެހެންކަމުން މިނިސްޓަރު ހާޒިރުވެވަޑައިގެން ނެތް ނަމަވެސް، ބައްދަލުވުން ސިއްރު ބައްދަލުވުމެއްގެ ގޮތުގައި ކުރިއަށްގެންދިޔުމަށް މަޖިލީހުގެ ނައިބު ރައީސް ހުށަހެޅުއްވި އެވެ. އެއާއެކު ކޮމިޓީ ސިއްރުކުރަން ވޯޓަށް ހުޅުވައިލުމުން 11 މެމްބަރުންގެ ތެރެއިން ހަތް މެމްބަރުން ވަނީ ސިއްރުކުރަން ތާއީދުކޮށްފަ އެވެ.

މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން..

އެގޮތަށް ފާސްވުމުން ކޮމިޓީގެ މުގައްރިރު ގާސިމް ވަނީ އެ ބައްދަލުވުން ދެން ކުރިއަށް ގެންދާނީ ސިއްރު ބައްދަލުވުމެއްގެ ގޮތުގައި ކަމަށް އިއުލާން ކުރައްވައިފަ އެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށްޓަކައި ސަރުކާރުން ގެންދަނީ ހަރަދު ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅަމުންނެވެ. އެކަމުގެ ހެޔޮ ނަތީޖާ ފެންނަމުންދާ ކަމަށް ސަރުކާރުންނާއި އެމްއެމްއޭ އިން ވެސް ބުނެފައިވެ އެވެ.