ބޮލީވުޑްގެ މެގަސްޓާ އަމީތާބު ބައްޗަންގެ ރިއަލިޓީ ޓީވީ ޝޯ "ކޯން ބަނޭގާ ކްރޯޑްޕަތީ"ގެ 16 ވަނަ ސީޒަން އަންނަ އޮގަސްޓް މަހު ފަށަން ހަމަޖެހިއްޖެ އެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި މިފަހަރުގެ ސީޒަން މީގެ ކުރީގެ ސީޒަންތަކަށް ވުރެ އެކި ގޮތްގޮތުން ތަފާތުވާނެ އެވެ. އެގޮތުން ޝޯގެ ފޯމެޓަށް ވެސް ބަދަލު ގެނެވިފައިވާ ކަމަށް ބުނެވެ އެވެ.

"ކޯން ބަނޭގާ ކްރޯޑްޕަތީ"އަކީ ބައިވެރިންނަށް ކުރެވޭ އާއްމު މައުލޫމާތުގެ ސުވާލުތަކަށް އިނާމު ހުށައެޅިފައިވާ ޝޯ އެކެވެ. ކޮންމެ ސުވާލަކަށް ވަކި ފައިސާގެ އިނާމެއް ކަނޑައެޅިފައިވާއިރު ޝޯ ނިމޭއިރު ރަނގަޅު ކުރެވޭ ސުވާލުތަކުން ލިބޭ ފައިސާގެ އިނާމު އެ ބައިވެރިޔާއަށް ލިބެ އެވެ.

މި ޝޯގެ 16 ސީޒަން ކާމިޔާބު ކަމާއެކު ނިންމާލާފައިވާއިރު ކުރިއަށް އޮތް ސީޒަންއަށް ވެސް ބެލުންތެރިން އަންނަނީ އިންތިޒާރު ކުރަމުންނެވެ.

ހާއްސަކޮށް އަމީތާބު އެ ޝޯ ހުށައަޅައިދޭ ގޮތުން ޝޯގެ ފޯރި އިތުރަށް ގަދަވެ ބައިވެރިންގެ މެދުގައި ވާދަވެރިކަން ވެސް އިތުރުވެ އެވެ.

އޮގަސްޓް މަހު ފަށަން ހަމަޖެހިފައިވާ "ކޯން ބަނޭގާ ކްރޯޑްޕަތީ 16" ދުރަށް ދައްކާނީ ސޮނީ ޓީވީއިންނެވެ. މި ޝޯ މީޑިއާނެޓުން ވެސް ބަލާލެވޭނެ އެވެ.