ނަފްސާނީ ބަލިތަކުން އަރައިގަތުމަށް އެކި ގައުމުތަކުގައި ބޭނުން ކުރަނީ އެކި އުކުޅުތަކެވެ. އެގޮތުން ޒިމްބާބްވޭގައި ބޭނުން ކުރެވޭ މި އުކުޅަކީ މުޅިން ތަފާތު އުކުޅެކެވެ.

ނަފްސާނީ އެހީދޭ ފަންނީ މާހިރުންގެ އެހީ ހޯދުމުގެ ބަދަލުގައި ޒިމްބާބްވީގެ ރައްޔިތުން ހޯދަނީ އެގައުމުގެ އެކި ހިސާބުތަކުގައި ހުންނަ "ފްރެންޑްޝިޕް ބެންޗު"ތަކުގެ އެހީ އެވެ.

ފްރެންޑްޝިޕް ބެންޗުތަކަކީ އާއްމުކޮށް އެގައުމުގެ ހުރިހާ އެންމެންނަށް ވެސް ހުޅުވާލެވިފައިވާ ހިދުމަތަކަށްވާއިރު އެ ހިދުމަތުގެ ބޭނުން އެތައް ބަޔަކު ހިފަ އެވެ.

އެގޮތުން މި ބެންޗަށް އަންނަ ކޮންމެ މީހަކު ވެސް އެމީހެއްގެ ހަޔާތުގެ ވާހަކަތަކާއި ކުރިމަތިވެފައިވާ ގޮންޖެހުންތައް ހިއްސާ ކުރަނީ ދުނިޔޭގެ ތަޖުރިބާ ލިބިފައިވާ އުމުރުން ދުވަސްވީ މާމައަކާ އެވެ.

މިގޮތުގެ މަތިން އެ މާމަމެން އަންނަ މީހުންގެ އިހުސާސްތައް އަޑު އަހަ އެވެ. އަދި އެންމެ އެދެވޭ ގޮތުގައި އެމީހުންނަށް ލަފާދެ އެވެ.

މި ހިދުމަތުގެ ބޭނުން ހިފާފައިވާ މީހުން ބުނާ ގޮތުގައި ނުދަންނަ ބީރައްޓެއްސަކާ ހިތުގެ އިހުސާސްތައް ހިއްސާ ކުރުމަކީ ވަރަށް ލުއި ލިބޭ ކަމެކެވެ.

ޒިމްބާބްވޭގެ މި އުކުޅުން މިސާލު ނަގައި ދުނިޔޭގެ ބައެއް ބޮޑެތި ގައުމުތަކުން ވެސް ވަނީ މިހާރު އެގައުމުތަކުގައި "ފްރެންޑްޝިޕް ބެންޗު" ހަދަން ފަށާފަ އެވެ.