ޕީއެންއެފްގެ ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ދެއްކެވި "ޕެންޑްރައިވް"ގެ ވާހަކައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ވެރިކަންކުރާ ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ރައްދުދެއްވައިފި އެވެ.
އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމް އަށް ސިހުރުގެ ތުހުމަތުކޮށް ހައްޔަރު ކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކޮރަޕްޝަންގެ މައުލޫމާތު ހިމެނޭ ޕެންޑްރައިވް އެއްގެ މައްސަލައިގައި ތޯ ރޭ ބޭއްވި ޕީއެންއެފްގެ ޖަގަހަ ޖަލްސާގައި ރައީސް ޔާމީން ވަނީ ސުވާލު ކުރައްވާފަ އެވެ.
ރައީސް ޔާމީން އެ ސުވާލު ކުރެއްވީ އެ ޖަލްސާގައި އިންނެވި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާ އެވެ.
މިކަމަށް ރައްދު ދެއްވައި މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވިދާޅުވީ އެ ޕެންޑްރައިވްގެ ޝިކާރައަކަށްވީ މީހުން މިއަދު ވެސް ދުނިޔޭގައި އެބަތިބި ކަމަށެވެ. އަދި އެ ސުވާލު ކުރެއްވި ބޭފުޅާ އާއި ސުވާލު ރައްދުވާ ބޭފުޅާއަށް ޕެންޑްރައިވްގެ ކަންތައްތައް އެންމެ ރަނގަޅަށް އެނގޭނެ ކަމަށް ގަބޫލު ކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އަބްދުއްރަހީމް އެ އިޝާރާތް ކުރެއްވީ ޔާމީންގެ ވެރިކަމުގައި އޭރުގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ހައްޔަރު ކުރުމަށްފަހު ޕެންޑްރައިވްއަކުން ހެކި ހޯދި ވާހަކައަށް ކަމަށް ލަފާކުރެވެ އެވެ.
ރޭގެ ޖަލްސާގައި ރައީސް ޔާމީން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ އެކި ސުވާލު ކުރައްވާފަ އެވެ. ޝަމްނާޒް ސިހުރު ހެދިކަމަށް ބުނެ ބަންދުކުރި މައްސަލަ ސަރުކާރުން ރައްޔިތުންނަށް ސާފުކޮށް ދޭން ޖެހޭކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ފުލުހުން އެފަދަ މައްސަލައެއް އަމިއްލަ އިސްނެގުމުގައި ނުބަލާނެ ކަމަށާއި ރައީސާއި އާއިލާ އިން އެ މައްސަލަ ހުށަހަނާޅާ ކަމަށް ސަރުކާރުން ބުނި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށެވެ. އަދި އެ މައްސަލަ ބަލަމުން ދަނީ ފުލުހުންނަށް މައްސަލަ ބަލަން އަންގައިގެން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް މުހައްމަދު މުއިއްޒު ވެސް އަދި އެމަނިކުފާނުގެ އާއިލާ އިން ވެސް ޝަމްނާޒްގެ އެއްވެސް މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ނުވާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
ރައީސް ޔާމީންގެ ވާހަކަފުޅާ ގުޅިގެން އަބްދުއްރަހީމްގެ އިތުރުން ސަރުކާރުގެ ބައެއް އިސް ވެރިންނާއި ބައެއް މަޖިލިސް މެންބަރުން ވަނީ އެމަނިކުފާނަށް ރައްދު ދެއްވާފަ އެވެ.