ދާދިފަހުން ކައިވެނި ކުރި ބޮލީވުޑްގެ ތަރި ސޮނާކްޝީ ސިންހާ އާއި އޭނާގެ ފިރިމީހާ ޒަހީރު އިގްބާލް ހޮސްޕިޓަލަކުން ނުކުތް މަންޒަރު ފެނުމާއެކު އެ ދެމަފިރިންނަށް އަލަތު ދަރިފުޅު ލިބެން އުޅޭ ކަމަށް މީޑިއާގައި ވަރަށް އަވަހަށް އަޑު ފެތުރުނެވެ.

ޖޫން މަހުގެ 23 ވަނަ ދުވަހު ކައިވެނިކުރި ސޮނާކްޝީ އާއި ޒަހީރު ހޮސްޕިޓަލުން ނުކުންނަނިކޮށް މީޑިއާއަށް ފެނިފައި ވަނީ އޭގެ ދެތިން ދުވަސް ފަހުންނެވެ. އެއާއެކު ސޮނާކްޝީ ބަލިވެ އިންކަމަށް އަޑު ފެތުރުނު ނަމަވެސް އެކަމުގެ އެއްވެސް ޔަގީން ކަމެއް ސޮނާކްޝީ ދީފައެއް ނުވެ އެވެ. އެންމެ ފަހުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި އޭނާ މިވަނީ އެކަމަށް އަލި އަޅުވާލާފަ އެވެ.

ޒަވާޖީ ހަޔާތާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ސޮނާކްޝީ ބުނެފައިވަނީ މިހާރު އޭނާ ދިރިއުޅެމުން އަންނަނީ އޭނާގެ އެންމެ ގާތް އެކުވެރިޔާއާ އެކުގައި ކަމަށާއި ދުވަހަކު ވެސް ދިރިއުޅުން މިއަށް ވުރެ އުފާވެރި ނުވާ ކަމަށެވެ.

"ބަދަލުވީ އެންމެ ކަމެއް. މިހާރު ހޮސްޕިޓަލަކަށް ނުދެވޭ. ގޮސްފިއްޔާ މީހުންނަށް ހީވަނީ އަހަރެން އިނީ ބަލިވެއޭ،" ސޮނާކްޝީ އިނީ ބަލިވެ ނޫންކަން ޔަގީން ކޮށްދެމުން އޭނާ ބުންޏެވެ.

އެ ދުވަހު ސޮނާކްޝީ އާއި ޒަހީރު ހޮސްޕިޓަލުން ނުކުތީ މިވަގުތު ހޮސްޕިޓަލުގައި ފަރުވާދެމުންދާ ސޮނާކްޝީގެ ބައްޕަ ޝަތުރުގަން ސިންހާއަށް ޒިޔާރަތް ކުރުމަށްފަހު އެވެ.

ހަތް އަހަރު ދުވަހު ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ދެ ދީނަކަށް ނިސްބަތްވާ ސޮނާކްޝީ އާއި ޒަހީރު ކައިވެނި ކޮށްފައިވަނީ ކޯޓުގަ އެވެ.