އޭޝިއާގެ އެންމެ މުއްސަނދި އާއިލާ ކަމަށްވާ އިންޑިއާގެ ބިލިއަނަރު މުކޭޝް އަމްބާނީގެ އެންމެ ހަގު ދަރިފުޅު އާނަންތު އަމްބާނީ އާއި އޭނާގެ ލޯބިވެރިޔާ ރަދިކާ މާޗަންތުގެ ކައިވެނީގެ ރަސްމީ ހަފްލާތައް މިހާރު ވަނީ ފެށިފަ އެވެ.

އެގޮތުން ހޮނިހިރު ދުވަހު ބޭއްވި ކުލަގަދަ ސަންގީތު ހަފްލާގައި ބޮލީވުޑްގެ މަޝްހޫރު ގިނަ މޫނުތައް ފެނިފައިވެ އެވެ. އޭގެ ތެރޭގައި ވިކީ ކައުޝަލް ހިމެނުނުއިރު އޭނާގެ އަންހެނުން ކެޓްރީނާ ކައިފް އެ ހަފްލާއަކަށް ނުދެ އެވެ.

އެއާއެކު ކެޓްރީނާ ބަލިވެ އިން ކަމަށް ބުނާ އަޑުތައް އަނެއްކާ ވެސް ވަނީ ގަދަވެފަ އެވެ. އާއްމު ތަންތަނުން ކެޓްރީނާ ނުފެންނަތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު އެއީ އޭނާ ބަނޑުބޮޑުވުމުން ކަމަށް ބައެއް ހަބަރުތައް ބުނެ އެވެ.

އެހެން ނަމަވެސް ވިކީ މިވަނީ އެ ހަބަރުތައް ދޮގުކޮށްފަ އެވެ. އަމްބާނީ ހަފްލާއިން ކެޓްރީނާ ނުފެނުނީ ކީއްވެތޯ މީޑިއާއިން ސުވާލު ކުރުމުން ވިކީ ބުނެފައިވަނީ ކެޓްރީނާ މުމްބާއީގައި ނެތް ކަމަށެވެ.

އަމްބާނީ ހަފްލާއިން ފެނުނު ބޮލީވުޑް ތަރިންގެ ތެރޭގައި ސަލްމާން ޚާން، ރަންވީރު ސިންހް، ދީޕިކާ ޕަދުކޯން އަދި ރަންބީރު ކަޕޫރު ފަދަ ތަރިން ހިމެނެ އެވެ.

އަމްބާނީގެ ސަންގީތު ހަފްލާއަށް ބަލާލާއިރު އެންމެ ފާހަގަވެގެން ދިޔަ ކަމަކީ މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާގެ ހުށައެޅުމެވެ.