ނާޖާއިޒު ގޮތުގައި އާއިލާ މެންބަރުންނަށް ވަޒީފާ ހޯދައިނުދެއްވާ ކަމަށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޝަހީމް މިހެން ވިދާޅުވެފައި މިވަނީ އޭނާގެ ދަރިކަލުން މާހިލް ޝަހީމަށް މެލޭޝިއާ އެމްބަސީ އިން ބޮޑު މުސާރަ ލިބޭ ވަޒީފާއެއް ހަމަޖެހުމުން އާންމުން އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔަމުންދާ ވަގުތެއްގަ އެވެ. ޝަހީމްގެ ދަރިކަލުންނަށް ދިން ވަޒީފާގެ މުސާރަ އަކީ މަހަކު އެއްލައްކަ ރުފިޔާ ކަމަށްވެ އެވެ.

މިކަމާ ގުޅިގެން ޝަހީމް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ އޭނާގެ ދަރިޔަކު، ނުވަތަ އާއިލާގެ މެންބަރަކު ކިޔަވައިގެން ހުރި ދާއިރާއަކުން ހިދުމަތްކުރަން އެމީހަކަށް ލިބޭ ފުރުސަތަކީ އޭނާ ނާޖާއިޒްގޮތުގައި ހޯދައިދޭނެ ފުރުސަތެއް ނޫން ކަމަށެވެ.

ދައުލަތުގެ މުދަލާއި މަގާމާއި ފައިސާ ނާޖާއިޒު ގޮތުގައި ބޭނުން ނުކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން އަރުވާކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.

ޝަހީމްގެ 21 އަހަރުގެ ދަރިކަލުންނަށް މެލޭޝިއާ އެމްބަސީއިން ވަޒީފާ ހަމަޖެހިފައިވާކަން ދޮގުނުކުރައްވާ އެކަން ދިފާއުކުރައްވާ މޭރުމަކުން ޝަހީމް ކުރައްވާފައިވާ ޕޯސްޓަށް ވެސް ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ.

ޝަހީމްގެ ދަރިކަލުންގެ އިތުރުން އޭނާގެ ކޮއްކޮ އަހްމަދު ޝިފާޒް ވެސް ވަނީ ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް އައްޔަނުކޮށްފަ އެވެ. އަދި ޝަހީމްގެ އަނބިކަނބަލުން ފާތިމަތު އާފިޔާ އަކީ މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ބޯޑު މެންބަރެކެވެ.