މަހަށް ނިކުތް ދޯންޏެއްގައި ރޯވެ، މީހަކު ފިހިއްޖެ އެވެ.

މި ހާދިސާ ހިނގާފައި ވަނީ ގދ. މަޑަވެލި ބޮއި ކައިރިން މަސްވެރިކަން ކުރަމުން ދިޔަ ގއ. ދެއްވަދޫއަށް ނިސްބަތްވާ "ކުރިމަގު" ދޯނީގަ އެވެ.

"ކުރިމަގު" ދޯނީގައި އަލިފާން ރޯވެފައި/ ފޮޓޯ: މަސްވެރިން އެމްވީ

މި ހާދިސާގައި އެ ދޯނީގައި ހުރި އުމުރުން 53 އަހަރުގެ ފިރިހެނެއްގެ އަތް ފިހި، ހާލު ސީރިއަސްވެގެން ވަނީ ގދ. ތިނަދުއަށް ގެންގޮސްފަ އެވެ. އޭނާ ތިނަދޫއަށް ގެންގޮސްފައިވަނީ އެމްއެންޑީއެފް ސަދަން އޭރިއާގެ ކޯސްޓްގާޑުގެ އެހީގައި މިއަދު 1:16 ގަ އެވެ.

މި ދޯނީގައި ރޯވި އަލިފާންގަނޑު ނިއްވާލާފައި ވަނީ އެ ވަގުތު އެ ސަރަހައްދުގައި މަސްވެރިކަން ކުރަންއުޅުނު އެހެން މަސްދޯނިތަކުން ކަމަށްވެ އެވެ.

"ކުރިމަގު" ދޯނީގައި ރޯވި އަލިފާން ނިއްވާލުމުގެ މަސައްކަތް ކުރަނީ/ ފޮޓޯ: މަސްވެރިން އެމްވީ

އެ ސަރަހައްދުގައި ހަރަކާތްތެރިވި މަސްދޯންޏަކާ ހަވާލާދީ މަސްވެރިންގެ ޚަބަރުތައް ގެނެސްދޭ މަސްވެރިން އެމްވީގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ ޕެޓްރޮލް ޕަމްޕަށް އަޅަން އުޅުމުގެ ތެރޭގައި ކަމަށް ބެލެވެ އެވެ.

ފުލުހުން ބުނިގޮތުގައި މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު 12:33 ގައެވެ.