ވީނަސްއަކީ އެ ތަރީގެ ހޫނުގަދަ ކަމުގެ ސަބަބުން ދިރޭ އެއްވެސް ބާވަތެއް ވުން ނާދިރު ކަމަށް ސައިންްސްވެރިން ގަބޫލުކުރާ ތަރިއެކެވެ. އެހެން ނަމަވެސް އެންމެ ފަހުގެ ހޯދުންތަކުން ވީނަސްގައި ވެސް ދިރުމެއް ވެދާނެ ކަމަށް ބާރުދޭ ހެކިތަކެއް ވަނީ ހޯދިފަ އެވެ.

އެގޮތުން ވީނަސްގެ ވިލާތަކުގައި "އެމޯނިއާ"އާއި "ފޮސްފައިން"ގެ އަސަރު އެކުލެވޭ ކަމަށާއި އެއީ އެތަނެއްގައި ދިރުމެއްވާ ކަމުގެ އަލާމާތެއް ކަމަށް ސައިންސްވެރިން ބުނެ އެވެ.

އަހަރެމެން ދިރިއުޅޭ މި ދުނިޔޭގައި އެ ދެ މާއްދާ އުފެދެނީ ގަސްގަހާ ގެއްސާއި ޖަނަވާރުން މަރުވުމަށްފަހު އޭގެ މަހާއި ކަށި ނެތި ފަނާވެގެންނެވެ.

ޔުނިވާސިޓީ އޮފް ހަލްގައި ބޭއްވި މި އަހަރުގެ ނެޝަނަލް އެސްޓްރޮނޮމީ މީޓިންގައި މި ހޯދުންތަކުގެ ނަތީޖާ ހުށައަޅާފައިވާއިރު މިއީ ވީނަސްގައި ދިރުން ފެނިދާނެ ކަމަށް އާވި އުއްމީދެއްގެ ގޮތުގައި ސައިންސްވެރިން ސިފަކުރި އެވެ.

މިކަމާ ބެހޭ އިތުރު ދިރާސާތައް ކުރަން ތާވަލް ކުރެވިފައިވާއިރު މި ހޯދުންތަކުން އެސްޓްރޮނޮމީގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ބެލެވެ އެވެ.

ވީނަސްއަކީ އިރާ އެންމެ ކައިރި ޕްލެނެޓް ކަމަށްވާ މާކިއުރީއަށް ވުރެވެސް ހޫނުގަދަ ޕްލެނެޓަކަށްވާއިރު އެ ޕްލެނެޓްގައި ދިރުން އާލާވުމަކީ ނާދިރު ކަމެއްގެ ގޮތުގައި ކުރިން އޮތީ ބެލެވިފަ އެވެ.