އޭޑީކޭގައި މަސައްކަތް ކުރެއްވި، ރާއްޖޭގެ ފުރަތަމަ ނިޔުރޯސާޖަން ޑރ. އަލީ ނިޔާފް އެ ހޮސްޕިޓަލުން ވަކިވެވަޑައިގެންފި އެވެ.

ނިޔާފް ވަނީ އޭޑީކޭއަށް ނުވަ އަހަރާއި ދިހަ މަސް ދުވަހު ހިދުމަތް ކުރައްވައިފަ އެވެ. އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖުމެންޓާއި މުވައްޒަފުންގެ ފަރާތުން ނިޔާފަށް ވަނީ ޝުކުރު އަދާކޮށް، ހެޔޮ އެދުންތައް ފޮނުވައިފަ އެވެ.

އޭޑީކޭ ހޮސްޕިޓަލުން ސޯޝަލް މީޑިއާގައި މިއަދު ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ ނިޔާފް އޭޑީކޭ ހޮސްޕިޓަލަށް ކޮށްދެއްވި އަގުހުރި ހިދުމަތްތަކަށް ހިތުގެ ފުންމިނުން ޝުކުރު އަދާކުރާ ކަމަށާއި އެ ހޮސްޕިޓަލުގެ ނިޔުރޯ ސާޖަރީ ޑިޕާޓުމެންޓުގެ ކުރިއެރުމުގައި ނިޔާފުގެ މިންނެތް މަސައްކަތް މުހިންމު ކަމަށެވެ.

ނިޔާފް އޭޑީކޭ އިން ވަކިވެވަޑައިގެންފައި ވަނީ އައިޖީއެމްއެޗުގައި މަސައްކަތް ކުރެއްވުމަށެވެ.

ނިޔާފުގެ ބޭބެ، އޭޑީކޭގެ ކުޑަކުދިންގެ ޑޮކްޓަރު ޑރ. އަބްދުﷲ ނިޔާފު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނިޔުރޯސާޖަން ނިޔާފްއާ އެކު އައިޖީއެމްއެޗުގެ ނިޔުރޯސާޖަރީ ޑިޕާޓުމެންޓަށް ފާގަތިކަމާއި ކުރިއެރުން އަންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.