ރައީސް އޮފީހުގެ ކުރީގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރުގެ ފަރާތުން މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ) އަށް 2.3 މިލިއަން ރުފިޔާ ދައްކަން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ވެސް މިއަދު ހުކުމްކޮށްފި އެވެ.
އެމްސީބީއަށް 2.3 މިލިއަން ރުފިޔާ ދައްކަން 2018 ވަނަ އަހަރު އަލީ ޒާހިރަށް ބޭންކުން އެންގީ އޭނާ މީހަކަށް 2.3 މިލިއަން ރުފިޔާގެ ޗެކެއް ދޫކުރުމުން އެކައުންޓްގައި ފައިސާ ނެތީސް ބޭންކުން އެ ޗެކަށް ފައިސާ ދޫކޮށްފައިވާތީ އެވެ.
ބޭންކުން ޗެކަށް ފައިސާ ދޫކުރުމަށް ފަހު އަލީ ޒާހިރަށް އެންގީ 2.3 މިލިއަން ރުފިޔާ އޭނާގެ ފަރާތުން ބޭންކަށް ދައްކަން ޖެހޭނެ ކަމަށެވެ. ބޭންކުގެ އެ އެންގުން ބާތިލްކުރަން އަލީ ޒާހިރުގެ ފަރާތުން ކޯޓަށް ހުށަހެޅުމުން ސިވިލް ކޯޓާއި ހައި ކޯޓުން ނިންމާފައި އޮތީ އެ ފައިސާ އަލީ ޒާހިރުގެ ފަރާތުން ބޭންކަށް ދައްކަން ޖެހޭނެ ކަމަށެވެ.
އެ މައްސަލަ އޭނާގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން މިއަދު ކުރެއްވި ހުކުމުގައިވަނީ އެކައުންޓްގައި ފައިސާ ނެތް ނަމަވެސް ޗެކެއް ދޫކުރުމުން ފައިސާ ދޫކުރުމުގެ އިހްތިޔާރު ބޭންކްތަކަށް އޮންނަ ކަމަށެވެ. އަދި އެގޮތަށް އެމްސީބީން ކަސްޓަމަރުންނާ އެކު ހަދާފައިވާ އެއްބަސްވުމުގައި ވެސް ބަޔާން ކޮށްފައިވާ ކަމަށް ހުކުމުގައިވެ އެވެ.
އެހެންވެ، އެ ފައިސާ އަލީ ޒާހިރުގެ ފަރާތުން ބޭންކަށް ދައްކަން ޖެހޭނެ ކަމަށް ކޮށްފައިވާ ހުކުމަށް ބަދަލު ގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށް ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުގެ އަގުލަބިއްޔަތުން ކުރެއްވި ހުކުމުގައިވެ އެވެ.
އެ މައްސަލާގައި ރައުޔު ތަފާތުވި ފަނޑިޔާރު އަލީ ރަޝީދު ހުސައިންގެ ރައުޔަކީ އެ ފައިސާ އަލީ ޒާހިރުގެ ފަރާތުން ދައްކަން ނުޖެހޭނެ ކަމަށެވެ. އަދި 2.3 މިލިއަން ރުފިޔާގެ ޗެކް ދޫކުރިއިރު އަލީ ޒާހިރުގެ އެކައުންޓްގައި ހުރީ 500ރ. ކަމަށާއި އެހެންވެ، އެ އެހާ ބޮޑު އަދަދެއް އެމްސީބީން ދޫކުރީ ބޭންކަށް އޮޅިގެން ކަމަށް ބެލެވޭ ކަމަށް އެ ރައުޔުގައިވެ އެވެ.
އެހެންކަމުން އެ ހާލަތުގައި ބޭންކުން ޖެހޭނީ އެ ފައިސާ ލިބުނު މީހާގެ އަތުން ފައިސާ ހޯދަން ކަމަށް އެ ރައުޔުގައިވެ އެވެ.