ދާދިފަހުން އާންމު ވީޑިއޯއެއްގައި ޗައިނާގެ ދިދަ ހަނަދަށް ގެންދާ މަންޒްރު ވަނީ ހާމަވެފަ އެވެ. އެ ގައުމުން މިހާރު ވަނީ ހަނދުގެ ދުނިޔެއާ ދުރު ހިސާބުގެ ވެލީގެ ސާމްޕަލް ދުނިޔެއަށް ގެނެސްފަ އެވެ. ޗައިނާއިން މިހާތަނަށް ވަނީ ކާމިޔާބު ކަމާ އެކު ހަތަރު ފަހަރު ހަނދަށް ދަތުރު ކޮށްފަ އެވެ. މާބޮޑޮ ކާމިޔާބެއް ނުލިބުނު ކަމުގައި ވިޔަސް އިންޑިއާ އާއި ޖަޕާނުން ވެސް ވަނީ ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ހަނދުގެ ސާފޭސް އަށް ވާސިލު ވެފަ އެވެ. އެމެރިކާގެ އަމިއްލަ ކުންފެންޏެއް ކަމުގައިވާ އިންޓިއުޓިވް މެޝީން އިން ވަނީ ހަނދަށް އުޅަނދެއް ފޮނުވައިފަ އެވެ. އެއީ އަމިއްލަ ކުންފުންޏަކުން ހަނދަށް އުޅަނދެއް ފޮނުވި ފުރަތަމަ ފަހަރު ކަމުގައި ވިޔަސް އެފަދަ އެތައް ކުންފުންޏަކުން ދަނީ އެކަމަށް ތައްޔާރު ވަމުންނެވެ.

އެމެރިކާއިން 2026 ވަނަ އަހަރު ހަނދަށް މީހުން ފޮނުވަން ތައްޔާރު ވަމުން ދާއިރު ޗައިނާއިން އަންނަނީ 2030 ވަނަ އަހަރު އިންސާނުން ހަނދަށް ފޮނުވާނެ ކަމުގައި ބުނަމުންނެވެ. ހަނދަށް މީހުން ފޮނުވުމުގެ އިތުރުން ހަނދުގައި ދާއިމީ މަރުކަޒެއް ގާއިމު ކުރުމުގެ މަސައްކަތް ވެސް ޗައިނާ އިން އަންނަނީ ކުރަމުންނެވެ. އެ ޕްރޮޖެކްޓްގައި ހިމެނޭ ބައެއްގެ ގޮތުން އެގައުމުން ތައްޔާރު ކުރި ޖައްވީ މަރުކަޒު، މިހާރު ވަނީ ބޮޑު ބައެއް ނިމި، އެ މަރުކަޒުގައި ދިރާސާ ކުރުމުގެ މަސައްކަތް ފަށައިފަ އެވެ.

ހަނަދު ފަތަހަ ކުރުމަށް ގައުމުތަކުން ފަށާފައިވާ ރޭހާ އެކު، ބިމުގައި އޮތް ވާދަވެރިކަމާއި ދެކޮޅު ވެރިކަމުގެ

ޗައިނާގެ ދިދަ ހަނދުގައި

ބައެއް ހަނދަށް ހިނަގއިދާނެ ކަމުގައި މިހާރު ވަނީ ބެލެވެން ފަށައިފަ އެވެ.

"ހަނދާއި އަހަރެމެންނާ ދެމެދު އޮންނަ ގުޅުމުގެ މައިގަނޑު އަސާސްތައް ވަރަށް އަވަހަށް ބަދަލުވާނެ،" ޔުނިވަސިޓީ އޮފް ކެންސަސްގެ ޖިއޮލޮޖިސްޓެއް ކަމުގައިވާ ޖަސްޓިން ހޮލްކޮމްބް ވިދާޅުވި އެވެ. ހޮލްކޮމްބް ފާހަގަ ކުރެއްވި ގޮތުގައި ހަނދަށް ދިއުމުގެ ރޭހުގައި އަހަރެމެންގެ މެދުގައި ހުރި ގާނޫނުތަކާއި ގަވާއިދުތައް ފަހަނަޅައި މިހާރު ވަނީ ގޮސްފަ އެވެ.

ނަވާރަ ސަތޭކަ ފަސްދޮޅަސް ހަތްވަނަ އަހަރު ޔުނައިޓެޑް ނޭޝަންސް އިން އެކުލަވާލި ގަވާއިދެއްގައިވާ ގޮތުން އެއްވެސް ގައުމަކަށް ހަނދު މިލްކެއް ނުކުރެވޭނެ އެވެ. އެ ގަވާއިދުގައިވާ ގޮތުން ހަނދާއި ސްޕޭސް އަކީ އެންމެހާ އިންސާނުންގެ މިލްކެކެވެ. އެތަންތަނުގައި ހިންގާ ހަރަކާތްތައް ވާން ޖެހޭނީ މުޅި އިންސާނިއްޔަތަށް މަންފާ ހުރި ހަރަކާތްތަކަށެވެ. ވަކި ގައުމެއް ނުވަތަ ޖަމާއަތެއްގެ ފައިދާތަކަކަށް އެއްވެސް ހަރަކާތެއް ހަނދާއި ޖައްވުގައި ވެސް ހިންގައިގެން ނުވާނެ އެވެ.

އެމެރިކާގެ ދިދަ ހަނދުގައި

ޖައްވާއި ހަނދާ ބެހޭ ގޮތުން އެކުލަވާލައިފައިވާ އެ އެއްބަސްވުމަކީ ސޯވިއެޓް ޔޫނިއަން އާއި އެމެރިކާއާ ދެމެދު އޭރު އޮތް ފިނިހަނގުރާމއިގެ ހޫނުކަން މަޑު ކުރުމަށްޓަކައި އެކުލަވާލެވުނު އެއްބަސް ވުމެކެވެ. އެއްބަސްވުމުގެ މައިގަނޑު ބަޔަކަށް އޮތީ ޖައްވަށް ނިއުކުލިއަ ހަތިޔާރު ގެންދިއުން މަނާ ކުރުމުގެ ބަޔެވެ. އެ އެއްބަސްވުމުގައި 100 އަށް ވުރެ ގިނަ ގައުމަކުން ސޮއިކުރި އެވެ.

ތަޖުރިބާކާރުން ދެކޭ ގޮތުގައި ފިނި ހަނގުރާމައިގެ ދުވަސްވަރާ މިހާރުގެ ހާލަތު ވަރަށް ތަފާތެވެ. މިހާރުގެ ހާލަތަށް ބަލާއިރު ގައުމުތަކެކޭ އެއްފަދައިން އަމިއްލަ ކުންފުނިތަކުން ވެސް ހަނދުގެ ރޭހަށް ވަދެފައި ވާތީ، އުފެދޭ ނުތަނަވަސްކަން ބޮޑެވެ.

އިންސާނުންގެ އަޅިޔާއި ޑީއެންއޭ ސާމްޕަލްތަކާއި ސްޕޯޓްސް ޑްރިންކްސްގެ ބާވަތްތަކެއް ހަނދަށް ގެންދިއުމުގެ މަޝްރޫއެއް އެމެރިކާގެ ވިޔަފާރި ކުންފުންޏެއް ކަމުގައިވާ ޕެރެގްރިން އިން މިދިޔަ ޖެނުއަރީ މަހު އިއުލާން ކުރި އެވެ. ފަހު ވަގުތު ދިމާވި ފިއުލް ލީކްވުމުގެ މައްސަލައަކާ ހެދި އެ މިޝަން ކާމިޔާބުވާ ގޮތް ނުވި ކަމުގައި ވިޔަސް އެ މިޝަނުގެ ސަބަބުން އެތައް ބައިވަރު ސުވާލުތަކެއް އުފަން ކުރުވި އެވެ. އެންމެ މައިގަނޑު ސުވާލަކީ އެކަމުން ދުނިޔޭގެ އެންމެނަށް ކުރާނީ ކޮން ފައިދާ އެއްތޯ ކުރެވޭ ސުވާލެވެ. އެއީ ހަނދާއި ސްޕޭސް ޕްރޮގްރާމްތަކުގައި ތަބާވުމަށް ޔޫއެން އިން އެކުލަވާލައިފައިވާ މުއާހަދާގައި އޮންނަ މައިގަނޑު އެއް ޕޮއިންޓެވެ.

ހަނދުގެ ރޭސް ކުރިޔަށް ދާއިރު އުފެދިފައިވާ ގާނޫނީ ސުވާލުތައް އުފެދެނީ ސަބަބުތަކަކާ ހެދި އެވެ. މިހާރުގެ ހޯދުންތަކުން ދައްކާ ގޮތުގައި ހަނދުގައި އަގު ބޮޑު އެތަކެއް މައުދަން ތަކެއްވެ އެވެ. އޭގެތެރޭގައި ދަގަނޑާއި ޓައިޓޭނިއަމް ހިމެނެ އެވެ. މީގެ އިތުރުން ހީލިއަމް އަކީ ވެސް ހަނދުން ލިބެން ހުރި ބޭނުންތެރި މާއްދާ އެކެވެ. މީގެ އިތުރުން ހަނދުގައި ހުރިކަމަށް ގަބޫލު ކުރެވޭ އެންމެ އަގު ބޮޑު ބާވަތަކީ ފެނެވެ. ކުރިން ލަފާ ކުރެވިފައި އޮތް ގޮތުގައި ހަނދުގައި ފެނެއް ނެތެވެ. އެއީ ވަރަށް ހިކި ހަނަފަސް ބިމެކެވެ. އެގޮތަށް ހީވެފައި އޮތީ އެމެރިކާއިން ހަނދަށް ކުރި ދަތުރުގައި ގެނައި ވެލީގެ ދިރާސާތަކަށް ފަހުގަ އެވެ. ނަމަވެސް ފަހުގެ ހޯދުންތަކުން އެނގިފައިވާ ގޮތުގައި ހަނދުގެ އަނދިރި ހިސާބުގައި ވަރަށް ބޮޑަށް ގަނޑުވެފައިވާ ފެން އެބަހުއްޓެވެ. އެ ފެނަކީ މުސްތަގުބަލުގައި ހަނަދަށް ދާ މީހުން ބޯން ބޭނުން ކުރުމުގެ އިތުރުން ތަފާތު ބާވަތްތަކުގެ ގޭސް އުފެއްދުމަށް ވެސް ބޭނުން ކުރެވިދާނެ ފެނެއް ކަމުގައި ލަފާ ކުރެވެ އެވެ. ހަމަ އެފަދައިން ޖައްވީ އުޅަނދުތަކަށް ބޭނުންވާ ފިއުލް ވެސް އެ ފެން ބޭނުންކޮށްގެން އުފައްދައި ހަނދާއި މާސްއާއި ނުވަތަ ޖައްވުގެ އެހެން ހިސާބުތަކަށް ދަތުރު ކުރުމަށް ބޭނުން ކުރެވިދާނެ އެވެ. މި ހުރިހާ ސަބަބުތަކާ އެކު ހަނދުގެ ޖުމުލަ އަގު އެތައް ހާސް ބިލިޔަން ޑޮލަރަކަށް އަރާނެ އެވެ.

ހަނދުގެ ރޭހުގައި ކުރީގައި އުޅޭ ގައުމުތަކުގެ ތެރެއިން އެމެރިކާ އިން މިހާރު ވަނީ ހަނދަށް ދިއުމާއި ހަނދުގެ ރިސޯސްތައް ބޭނުން ކުރުމާ ބެހޭ ގަވާއިދެއް ހަދާފަ އެވެ. އެ އެއްބަސްވުމުގައި ސާޅީހަކަށް ގައުމުން ސޮއިކުރި ކަމުގައި ވިޔަސް ޗައިނާ ހިމެނެނީ ސޮއި ނުކުރާ ގައުމުތަކުގެ ތެރޭގަ އެވެ.

ކުރިޔަށް އޮތް ދުވަސްތަކުގެ ތެރޭގައި ހަނދަށް ގިނަ ގައުމުތަކަކުން ދާނެ ކަމުގައި ބެލެވެ އެވެ. ލަފާކުރެވޭ ގޮތުގައި މައްސަލަތައް އުފެދޭނީ ހަނދުގެ ފެން ހުރި ކަމަށް ބެލެވޭ ހިސާބު، ގައުމުތަކަށް ނުވަތަ ކުންފުނިތަކަށް ބަހަން ޖެހުމުންނެވެ. ހަނދާމެދު ގައުމުތަކުގެ ޝައުގެ ވެރިކަން ހުރިގޮތަށް ބަލާއިރު އެފަދަ މައްސަލަތައް ފެންމަތިވުން އޮތީ ވަރަށް ކައިރީގަ އެވެ. ހަނދު މިލްކު ކުރަން ފަށާފައިވާ މަސައްކަތް ނިމޭނެ ގޮތެއް އަދި ލަފާ ކޮށްލަން ދައްޗެވެ.