މަޖިލީހަށް ހުށައަޅާފައިވާ އިތުބާރުނެތްކަމުގެ މައްސަލައަކީ ދޮގާ މަކަރު އެކުލެވޭ ޒާތީ މައްސަލައެއް ކަމަށް މިނިސްޓަ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެ އެވެ.
މަލީހު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ހުށައެޅިފައިވާ އިތުބާރުނެތް ކަމުގެ މައްސަލައިގައި މިއަދު ޖަވާބުދާރީވެ ވަޑައިގަންނަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، މަޖިލީހަށް ވަޑައިގަތީ ވަޒީރުކަން ދިފާއުކުރުމަށް ނޫންކަމަށާއި، ވަޑައިގަތީ ގާނޫނު އަސާސީގެ 27 ވަނަ މާއްދާ ދިފާއުކުރުމަށް ކަމަށެވެ.
މަލީހު ވިދާޅުވީ، 14 މެންބަރުން ސޮއިކުރައްވާ މަޖިލީހަށް ވައްދާފައިވާ އިތުބާރު ނެތްކަމުގެ މައްސަލައަކީ ވަޒީރެއްގެ ނަން ކިލަނބުކޮށްލުމަށް ހުށައެޅުއްވި ޒާތީ މައްސަލައެއް ކަމަށެވެ. އަދި އެ މައްސަލައާއި ގުޅިގެން ހުރިހާ އިޖުރާއަތެއް ކުރިއަށް ގެންދިޔައީ ދޮގާއި މަކަރާއި އެކުކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
"މަޖިލީހުން ފޮނުވާފައިވާ މައްސަލާގައި ހުސް ކަރުދާސްތަކެއްވެސް ހިމެނޭ. އޭގައި ވާއެއްޗެއް އަދި ނުވާއެއްޗެއްވެސް ސާފުނުވޭ. އަދި އެ މައްސަލާގައި ބަޔާންކޮށްފައިވަނީ ވަޒީރުގެ ނަންފުޅުވެސް ނުބައިކޮށް. އެ މައްސަލައާއި ގުޅިގެން މަޖިލީހަށް ފޮނުއްވި ސިޓީގެ ޖަވާބު "އެންމެ ޑިމޮކްރަޓިކް" މަޖިލީހުން މިހާތަނަށްވެސް ދެއްވާފައި ނުވޭ" މަލީހު ވިދާޅުވި އެވެ.
އެ މަނިކުފާނަށް އަދަބު ދެއްވަނީ "މާއްދާ 27" ގެ ބޭނުން ހިއްޕަވާތީ ކަމަށް ވެސް މަލީހު ތުހުމަތި ކުރެއްވި އެވެ. އެގޮތުން މިނިސްޓަރުގެ މައްޗަށް ކުރާ ތުހުމަތުކުރާ ތުހުމަތުތަކުގައި އެއްވެސް އަސާސެއް ނެތް ކަމަށާއި އަދި އެ ތުހުމަތުތައް ކުރަން ފަށާފައި ވަނީ ވީޓީވީގެ ޕްރޮގްރާމެއްގައި ބަރުލަމާނީ ނިޒާމާ ދެކޮޅަށް ދެއްކެވި ވާހަކަތަކާ ގުޅިގެން ޒާތީ ވެގެން ކަމަށް މަލީހު ވިދާޅުވި އެވެ. އަދި އެމްޑީޕީގެ ބައެއް މެމްބަރުން ނަގައިގެން އުޅޭ މައްސަލައަކީ ވެސް އެއީ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މަލީހު ވިދާޅުވީ މިއަދު ވަޑައިގެންނެވީ ކޮންމެހެން މަގާމުގެ ދިފާއުގައި ނޫން ކަމަށާއި ވަޑައިގެންނެވީ ގާނޫނު އަސާސީގެ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާ ގުޅޭ 27 ވަނަ މާއްދާގެ ދިފާއުގައި ކަމަށެވެ.
"ހަކުރާގޭ ފެންޑާގައި އެކޮޅުކޮޅުން އެލުވިޔަސް މާއްދާ ހަތާވީހުގެ ބޭނުން ހިފާނަން" މަލީހު ވިދާޅުވި އެވެ. އަދި އިންސާފަކީ ބޮޑު ގޮނޑިއަށް ސަވާރު ވެވުމުން ހަނދާން ނެތޭ އެއްޗެއްތޯ ވެސް މިނިސްޓަރު ސުވާލުކުރެއްވި އެވެ.
މަޖިލީހުގައި މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ބަހުސް ކުރެއްވުމަށް ދެ ގަޑިއިރުގެ ފުރުސަތުވަނީ ދީފަ އެވެ. އެގޮތުން އެމްޑީޕީގެ ހުރިހާ މެމްބަރުން ވެސް ވަނީ މަލީހަށް ތާއީދުނެތް ކަމަށް ވާހަކަ ދައްކާފަ އެވެ.