ވ. އާރަށް މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ޝަރީއަތް ހިންގާއިރު އެމަނިކުފާނާ ދެކޮޅަށް ހުށަހެޅި އާ ހެކިތައް ބަލައިގަނެވޭނެ ކަމަށް ބުނެ ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތުގެ ނެންގެވި ކަމަށް ބުނެ ޔާމީން 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ހައި ކޯޓުން ބާތިލްކުރީ ޔާމީނާ ދެކޮޅަށް ދައުލަތުން ފަހުން ހުށަހެޅި އާ ހެކިތަކެއް ބަލައިނުގަނެވޭނެ ކަމަށް ނިންމުމަށް ފަހު އެވެ. އަދި އެ ހެކިތައް ނުހިމަނައި, އެ މައްސަލަ އަލުން ބެލުމަށް ހައި ކޯޓުން ދަށު ކޯޓަށް އަމުރުކުރި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ އާ ހެކިތައް ބަލައިނުގަނެވޭނެ ކަމަށް ހައި ކޯޓުން ނިންމާފައިވާ ނިންމުމަކީ ސުޕްރީމް ކޯޓުގެ ކުރީގެ ނިންމުންތަކާ ފުށުއަރާ ނިންމުމެއް ކަމަށެވެ. އެހެންވެ, އެ މައްސަލަ އިސްތިއުނާފް ކުރުމުގެ ހުއްދައަށް އެދި ސުޕްރީމް ކޯޓަށް މިދިޔަ ބުދަ ދުވަހު ހުށަހަޅާފައިވާނެ ކަމަށް އެ އޮފީހުން ބުންޏެވެ.
އެ މައްސަލާގައި އެދިފައިވާނީ އެ ހެކިތައް ބަލައިގަތުމާ މެދު ދަށު ކޯޓުން އަލުން ގޮތެއް ނިންމަން ޖެހޭނެ ކަމަށް ކަނޑައަޅައި ދިނުމަށް ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. އަދި އެގޮތަށް އެދުނު ނަމަވެސް އެ މައްސަލަ އަލުން ބަލަން ޖެހޭނެ ކަމަށް ނިންމާފައިވާ ނިންމުމަށް ބަދަލެއް ނާންނާނެ އެވެ.
ޔާމީންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ވެސް ރިޝްވަތު ދިނުމުގައި ކުށުގައި ތިން އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ. އެ ހުކުމް ވެސް ހައި ކޯޓުން ބާތިލްކޮށް، އެންގީ އެ މައްސަލަ އަލުން ބެލުމަށެވެ.