ޔޫއްޕެ ޕްރޮޑަކްޝަން އާއި ޝައި ޕްރޮޑަކްޝަން ގުޅިގެން ގެނެސްދޭ ލޯބީގެ ބިރުވެރި ފިލްމު "ސާޔާ"ގެ ޓްރެއިލާ މިހާރު ވަނީ ބެލުންތެރިންނަށް ދޫކޮށްލާފަ އެވެ.
އަންނަ މަހުގެ 7 ވަނަ ދުވަހުގެ ރޭ ޕްރީމިއާކުރަން ހަމަޖެހިފައިވާ މި ފިލްމަކީ ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.
މިފިލްމުގައި ލީޑް ތަރިންގެ ތެރޭގައި ޔޫއްޕެ ވެސް ފެނިގެންދާއިރު، މި ފިލްމުގައި އިތުރު ތަރިންގެ ތެރޭގައި އިބްރާހިމް ޖިހާދު (ޖީމީ)، އައިމިނަތު ރަޝްފާ (އާޝާ)، މުހައްމަދު މަނިކު އަދި އަހްމަދު ނިމާލު ވެސް ހިމެނެ އެވެ.
ފިލްމުގެ ޓްރެއިލާއިން ފެނިގެންދާ ގޮތުން މިފިލްމުގައި ނޭވާ ހިފަހައްޓާލަން ޖެހޭ އެތަކެއް މަންޒަރުތަކެއް ހިމެނެ އެވެ. އަދި ފިލްމުގައި ފެނިގެންދާ އެކްޓަރުންގެ ހުނަރުވެސް މިޓްރެއިލާ ފެނިގެންދެ އެވެ. ފިލްމުގައި ވާނެ ގޮތަކާމެދު ސުވާލު އުފެދި އެކަމަށް އިންތިޒާރު ކުރުވާނެ ގޮތަކަށެވެ.
އޮލިމްޕަހުން މިހާރު ޓިކެޓް ވެސް ވިއްކަމުން އަންނަ މި ފިލްމަކީ ޔޫއްޕެ ޕްރޮޑަކްޝަނާއި ޕްރޮޑިއުސަރު އިސްމާއީލް ޝަފީގުގެ ޝައި ޕްރޮޑަކްޝަން ގުޅިގެން ގެނެސްދޭ ފިލްމެކެވެ.
މީގެ އިތުރުން ޝައި ޕްރޮޑަކްޝަން އިން ވަނީ ބިރުވެރި ކޮމެޑީއެއް އުފައްދާފަ އެވެ. އެއީ "ފޯޓީ ޕްލަސް" އެވެ. މިއީ އެ ސްޓޫޑިއޯ އިން އުފައްދާ ލޯބީގެ ބިރުވެރި ފުރަތަމަ ފިލްމެވެ.
އެހެން ނަމަވެސް މިއީ ޔޫއްޕެ ޑައިރެކްޓްކުރާ ފުރަތަމަ ބިރުވެރި ފިލްމެއް ނޫނެވެ. މީގެ ކުރިން ޔޫއްޕެ ވަނީ "އެ ދަތުރު" އާއި "ދައުވަތު" ފަދަ ބިރުވެރި ފިލްމު ޑައިރެކްޓްކޮށްފަ އެވެ. އަދި މިދިޔަ އަހަރު މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދާ އެކު ވަނީ "ކަޅަކި" ނަމުގައި ވެސް ބިރުވެރި ފިލްމެއް ވަނީ ބެލުންތެރިންނަށް ގެނެސްދީފަ އެވެ.