ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގައި އަލަށް ކައިވެނިކުރާ މީހުންނަށް ފައިސާގެ އެހީ ދޭން އެގައުމުގެ ސަރުކާރުން ނިންމައިފި އެވެ.

ހަބަރުތައް ބުނާ ގޮތުގައި އަންނަ ސެޕްޓެމްބަރު މަހުން ފެށިގެން ދޭން ހަމަޖެހިފައިވާ ލޯނުގެ އެހީއަކީ އެގައުމުގެ އާއިލީ ދިރިއުޅުން ރަނގަޅުކޮށް އާބާދީ އިތުރުކުރަން އެޅި ފިޔަވަޅެކެވެ.

ޖުމްލަ 150،000 ދިރްހަމްއާ ހަމައަށް ދޭ އެ ލޯނު ލިބޭނީ ޔޫއޭއީގެ ފެމިލީ ކާޑު އޮންނަ މީހުންނަށް ކަަމަށާއި އޭގެ އިތުރުން ވެސް ވަކި ޝަރުތުތަކެއް ހަމަވާ ފަރާތްތަކަށް ކަމަށް ހަބަރުތައް ބުނެ އެވެ.

އެގޮތުން ކައިވެނި ކުރާއިރު ފިރިހެން މީހާގެ އުމުރުން 21 އަހަރު ވާންޖެހޭނެ ކަމަށާއި އަނބިމީހާގެ އުމުރު 18 އަހަރަށްވުރެ ދަށްވެގެން ނުވާނެ ކަމަށް ޝަރުތުތަކުގައިވެ އެވެ.

އޭގެ އިތުރުން ލޯނަށް އެދެން ޖެހޭނީ ފިރިމީހާގެ ނަމުގައި ކަމަށާއި އޭނާއަށް މަހެއްގެ މައްޗަށް ލިބޭ އާމްދަނީ 60000 ދިރްހަމްއަށްވުރެ ދަށްވާން ޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

މި އެހީއާއެކު އެގައުމުގައި އަލަށް ކައިވެނިކުރާ ޒުވާނުންގެ އަދަދު އިތުރުވާނެ ކަމަށް އުއްމީދުކުރާ ކަމަށް އެގައުމުގެ އިދާރާތަކުން ބުނެ އެވެ.