ހަމާސްގެ ވެރިޔާ އިސްމާއިލް ހަނިއްޔާ އީރާނަށް ވަޑައިގެން އުޅުއްވަނިކޮށް އިޒްރޭލުން ހަމަލާދީ ޝަހީދުކޮށްލައިފި އެވެ.

ހަނިއްޔާ ޝަހީދުކޮށްލާފައި ވަނީ އީރާނުގެ ވެރިރަށް ތެހެރާނުގައި އޭނާ ހުންނެވި ގެކޮޅަށް މިއަދު ހެނދުނު ދިން ހަމަލާއެއްގަ އެވެ.

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ނެރުނު ބަޔާނެއްގައި ބުނީ ހަމާސްގެ ވެރިޔާ ހަނިއްޔާ އާއި އޭނާގެ ބޮޑީގާޑަކު ޝަހީދުކޮށްލާފައި ވަނީ ތެހެރާނުގައި އޭނާ ހުންނެވި ގެކޮޅަށް އަމާޒުކޮށް ދިން ހަމަލާއެއްގައި ކަމަށެވެ. އޭނާ އީރާނަށް ވަޑައިގެން އުޅުއްވަނީ އެ ގައުމުގެ އާ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔަތުގައި ބައިވެރިވެވަޑައިގަތުމަށެވެ.

ގާޒާގައި ވެރިކަންކުރަމުން އަންނަ ހަމާސް ޖަމާއަތުގެ ވެރިޔާ ހަނިއްޔާ އަމިއްލައަށް އަރުވާލެވިގެން އާއްމުކޮށް ދިރިއުޅުއްވަނީ ގަތަރުގެ ވެރިރަށް ދޯހާގަ އެވެ.

އައިއާރްޖީސީގެ ޕަބްލިކް ރިލޭޝަންސް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނީ ހަމަލާ ދީފައިވަނީ ބުދަ ދުވަހުގެ ފަތިހު ކަމަށާއި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެ ބަޔާނުގައި ވަނީ ހަމާސްގެ ލީޑަރު އަވަހާރަވުމާ ގުޅިގެން ފަލަސްތީނުގެ ރައްޔިތުންނަށާއި މުސްލިމް ދުނިޔެއަށާއި ރެސިސްޓެންސް ފްރަންޓްގެ ހަނގުރާމަވެރިންނަށް ތައުޒިޔާ ކިޔައިފަ އެވެ.

ހަމާސް ޖަމާއަތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފަލަސްތީނު ޖަމާއަތުގެ ލީޑަރު އިސްމާއިލް ހަނިއްޔާ ތެހެރާނުގައި ދިރިއުޅުއްވާ ގެކޮޅުގައި އިޒްރޭލުން ދިން ހަމަލާއެއްގައި ޝަހީދުކޮށްލާފައިވާ ކަމަށެވެ.

އަންގާރަ ދުވަހު ހަނިއްޔާ ވަނީ އީރާނުގެ އާ ރައީސް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން އީރާނުގެ ސުޕްރީމް ލީޑަރާ ބައްދަލުކުރައްވައިފަ އެވެ.