އޮލިމްޕިކްސް ފަދަ ބައިނަލްއަގްވާމީ ބޮޑު މުބާރާތެއްގައި ވާދަކުރުމަކީ ޖިސްމާނީ ގޮތުން ރަނގަޅު ސިއްހަތެއްގައި މީހާ ހުންނަން ޖެހޭނެ ކަމެކެވެ. އެގޮތުން ބަލިވެ އިނދެ ބަނޑަށް ހަތް މަހުގައި އޮލިމްޕިކްސްގައި ވާދަކުރާ އަންހެނެއްގެ ވާހަކަ ބުނުމުން ގަބޫލު ކުރަން ދަތިވެދާނެ އެވެ.

އެހެން ނަމަވެސް މިސްރަށް ނިސްބަތްވާ އުމުރުން 26 އަހަރުގެ ނަދާ ހާފިޒްގެ ހަގީގަތަކީ މިއީ އެވެ. އޭނާ އަންނަނީ އަލަތު ދަރިފުޅަށް ބަލިވެ އިނދެ އޮލިމްޕިކްސްގެ ކަނޑީގެ ކުޅިވަރުގައި އޭނާގެ ހުނަރު ދައްކަމުންނެވެ.

އޭނާގެ އެންމެ ފުރަތަމަ މެޗުގައި އެމެރިކާގެ އެލިޒަބަތު ޓާޓަކޮވްސްކީއާ ވާދަކޮށް ކުރިހޯދި ނަމަވެސް ދެވަނަ މެޗުގައި ދެކުނު ކޮރެއާގެ ޖިއޯންގް އަތުން ނަދާ ވީ ބައްޔެވެ.

https://www.instagram.com/p/C-A_dPbtIjD/?igsh=amNqY2lucjUxNnM1

އެހެން ނަމަވެސް ބަނޑަށް ހަތް މަހުގައި ފުރަތަމަ މެޗު މޮޅަކުން ފަށައި ދެއްކި ހިތްވަރަށް މިސްރާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުން އަންނަނީ އޭނާއަށް ތައުރީފު ކުރަމުންނެވެ.

މެޗަށްފަހު އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ނަދާ ބުނީ އެ މެޗުގައި ވާދަކުރީ ދެ މީހުން ނޫން ކަމަށާއި ދެ ކުޅުންތެރިންގެ އިތުރުން އޭނާގެ ދަރިފުޅު ވެސް އެ މެޗުގައި ބައިވެރިވި ކަމަށެވެ. އެގޮތުން އޭނާގެ ދަރިފުޅަކީ "އޮލިމްޕިއަން"އެއްގެ ގޮތުގައި ނަދާ ސިފަކުރި އެވެ.

މިއީ ނަދާގެ ފުރަތަމަ އޮލިމްޕިކްސް މުބާރާތެއް ނޫނެވެ. މީގެ ކުރިން 2016 ވަނަ އަހަރު ރިއޯގައި ބޭއްވި އޮލިމްޕިކްސްއާއި 2020ގެ ޓޯކްޔޯ އޮލިމްޕިކްސްގައި ވެސް ނަދާ އޭނާގެ ހުނަރު ދައްކާފައިވެ އެވެ.

ނަދާއަކީ ކަނޑީގެ ކުޅިވަރުގެ އިތުރުން ޖިމްނާސްޓިކްސްގައި ވެސް ހަރަކާތްތެރިވާ ކުޅަދާނަ އެތުލީޓެކެވެ. އޭނާއަކީ މެޑިސިންގެ ރޮނގުން ޑިގްރީ ވެސް ހާސިލް ކޮށްފައިވާ ފަރާތެކެވެ.