މިހާރު ކުރިއަށްދާ ޕެރިސް އޮލިމްޕިކްސްގެ ތެރެއިން އާއްމުންގެ ސަމާލުކަމަށް އައިސްފައިވާ އެއް ނަމަކީ ތުރުކީއަށް ނިސްބަތްވާ ޔޫސުފް ޑިކެކް އެވެ.

ޑިކެކް ވަނީ އާދަޔާ ޚިލާފު ގޮތަކަށް އޮލިމްޕިކްސްގެ ޝޫޓިން އިވެންޓުގައި ބައިވެރިވެ އެ އިވެންޓުގެ ރިހި މެޑަލް ހޯދާފަ އެވެ. އޭނާގެ ޝޫޓިން ފެންނަ ފޮޓޯތައް މިހާރު ވަނީ ސޯޝަލް މީޑިއާގައި އާއްމުވެފަ އެވެ.

އެ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަނީ ޑިކެކް ވަރަށް އާދައިގެ ގޮތަކަށް ޓީޝާޓަކާއި ސޯޓެއްގައި އެއްވެސް ރައްކާތެރިކަމުގެ އާލާތަކާނުލާ ކުޅޭ މަންޒަރެވެ.

ޝޫޓިންއަކީ އާއްމު ގޮތެއްގައި ނުރައްކާތެރި ކުޅިވަރަކަށް ވާއިރު އެ ކުޅިވަރުގައި ބައިވެރިވާ ކުޅުންތެރިން ފެންނަނީ ފުރިހަމަ ރައްކާތެރިކަމާއެކު ކުޅޭ ތަނެވެ.

އެހެން ނަމަވެސް ޑިކެކްގެ އަޅާލުން ކުޑަ ކުޅުމާއެކު އެއްބަޔަކު އޭނާގެ ހުނަރަށް ތައުރީފު ކުރަމުން އަންނައިރު އަނެއް ބަޔަކު ވަނީ އެކަމާ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ.

މިހާރު އުމުރުން 51 އަހަރުގެ ޑިކެކްއަކީ އޮލިމްޕިކްސްއަށް އާ ކުޅުންތެރިއެއް ނޫނެވެ. އޭނާއަކީ 2008ގެ ފަހުން ބޭއްވި ކޮންމެ އޮލިމްޕިކްސްއެއްގައި ވެސް މޮޅު ކުޅުމެއް ދެއްކި ކުޅުންތެރި އެކެވެ.