އެކްޓަރުންނަކީ އެމީހުންނަށް ލިބޭ ފިލްމުތައް އެންމެ ފުރިހަމަ ގޮތުގައި ނިންމާލުމަށްޓަކައި ކޮންމެ ކަމެއް ކުރަންވެސް އާއްމުކޮށް ތައްޔާރަށް ތިބޭ ބައެކެވެ.

އެގޮތުން ހަށިގަނޑަށް ބޮޑެތި ބަދަލުތައް ގެނައުމާއި ހެދުން އެޅުމުގެ އިތުރުން އާއްމު ދިރިއުޅުމުގެ އާދަތަކަށް ވެސް އެކްޓަރުން ގިނަ ބަދަލުތަކެއް ގެނަ އެވެ.

އެފަދަ އެއް އެކްޓަރަކީ ބޮލީވުޑްގެ އަރަމުން އަންނަ ތަރި ޖާންވީ ކަޕޫރެވެ. އޭނާއަކީ ވެސް އޭނާއަށް ލިބޭ ރޯލުތައް އެންމެ ފުރިހަމައަށް ކުޅެން ވަރަށް ގިނަ މަސައްކަތްކުރާ އެކްޓަރެކެވެ. އެހެން ނަމަވެސް ދާދި ފަހުން ދިން އިންޓަވިއުއެއްގައި ޖާންވީ ވަނީ ފިލްމަކަށް ވިޔަސް އޭނާ ދުވަހަކު ވެސް ނުކުރާނެ ކަމެއް ހާމަކޮށްފަ އެވެ.

ޖާންވީ ބުނީ އޭނާގެ އިސްތަށިގަނޑަކީ އޭނާގެ މަންމަ ސްރީދޭވީ ވަރަށް ލޯބިކުރި އެއްޗެއް ކަމަށާއި ފިލްމެއްގެ ރޯލަކަށް ވިޔަސް އޭނާގެ އިސްތަށިގަނޑު ނުކޮށާނެ ކަމަށެވެ.

މިހާތަނަށް ކުޅުނު ފިލްމުތަކުގައި ވެސް ހަށިގަނޑަށް ގިނަ ބަދަލުތަކެއް ގެނެސް އަނިޔާތަކެއް ވެސް ވެފައިވާކަން ފާހަގަ ކުރަމުން ޖާންވީ ބުނެފައި ވަނީ އިސްތަށިގަނޑު ކޮށުމަކީ އޭނާ ދުވަހަކު ވެސް ނުކުރާނެ ކަމެއް ކަމަށެވެ.

ޖާންވީގެ ފިލްމީ މަސައްކަތްތަކަށް ބަލާލާއިރު އޭނާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ އިއްޔެ ސިނަމާތަކުގައި ރިލީޒްކުރި "އުލަޖް" އިންނެވެ.