މިދިޔަ މަހު އެޑިޑާސްއިން ފެށި ކެމްޕެއިނާ ގުޅިގެން އެ ކެމްޕެއިންގެ މޮޑެލްއެއް ކަމަށްވާ ބެލާ ހަދީދްއަށް އަމާޒުވި ފާޑުކިޔުންތަކަށް އޭނާ ރައްދު ދީފި އެވެ.

ނަވާރަ ސަތޭކަ ހަތްދިހަ ދެވަނަ އަހަރުގެ މިއުނިކް އޮލިމްޕިކްސްއަށް ހާއްސަކޮށް ތައްޔާރު ކޮށްފައިވާ ބޫޓެއް އިޝްތިހާރު ކުރަން ފެށި އެ ކެމްޕެއިނާއެކު ބެލާގެ އިތުރުން އެޑިޑާސްއަށް ވެސް ހުޅަނގާއި ހާއްސަކޮށް އިޒުރޭލުގެ ފާޑުކިޔުން އަމާޒުވި އެވެ. ސަބަބަކަށްވީ އެ ކެމްޕެއިން ހާއްސަކޮށްފައިވާ މިއުނިކް އޮލިމްޕިކްސްގެ ތެރޭގައި ފަލަސްތީނުގެ ހަމާސް ޖަމާއަތުން އިޒްރޭލުގެ 11 އެތުލީޓެއް ރަހީނުކޮށް މަރާލާފައިވުމެވެ.

މިކަން މިހެން އޮއްވައި ފަލަސްތީނުގެ ނަސްލަށް ނިސްބަތްވާ ބެލާ އެ ކެމްޕެއިންގައި ހިއްސާވުމުން ހުޅަނގުގެ ރުޅިގަނޑު އިތުރަށް ގަދަވީ އެވެ.

އެގޮތުން އިޒްރޭލުގެ އެތުލީޓުން މަރާލި މުބާރާތެއް ޕްރޮމޯޓް ކުރަން ފަލަސްތީނަށް ނިސްބަތްވާ މޮޑެލްއެއް ހިޔާރު ކުރުމަކީ އެޑިޑާސްގެ މަގުސަދު ހާމަވާ ކަމެއް ކަމަށް އެ ފަރާތްތަކުން ބުނަމުން ދިޔަ އެވެ.

މި މައްސަލަ ހޫނުވުމާއެކު އެޑިޑާސްއިން ވަނީ އެކަމަށް މައާފަށް އެދި ކެމްޕެއިންގެ ބާކީ ބައި މުރާޖައާ ކުރަމުން އަންނަ ކަމަށް ބުނެފަ އެވެ.

އެއާއެކު ބެލާ ހަދީދް ބުނެފައި ވަނީ އޭނާއަކީ އެއްވެސް ކަހަލަ އަނިޔާވެރިކަމަށް ހިތްވަރުދޭ މީހެއް ނޫން ކަމަށާއި ކެމްޕެއިން ފެށުމުގެ ކުރިން އެކަމުގެ އެއްވެސް ހަބަރެއް ލިބުނުނަމަ އެކަމުގައި ކުރިއަށް ނުދިޔައީސް ކަމަށެވެ.

ފަލަސްތީނުގެ ބައްޕައަކަށް އުފަން، އަދި ފަލަސްތީނު މީހެއްގެ ގޮތުގައި އަމިއްލައަށް ވާހަކަދައްކާ ބެލާއަކީ ފާޅުގައި ފަލަސްތީނު ރައްޔިތުންގެ ހައްގުތަކަށް ވަކާލާތުކުރާ، އެންޓި އިޒްރޭލް މީހެއްގެ ގޮތުގައި ހުޅަނގުން ސިފަކުރާ ފަރާތެކެވެ.